"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ
"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ

އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ ފުރަތަމަ ފިލްމު "ސައްޔާރާ"އަށް ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް 18 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 507 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އިންޑިއާގައި މި ފިލްމު ދައްކައިގެން މިހާތަނަށް ލިބިފައި ވަނީ 376 ކްރޯޑް ރުޕީސް އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ދައްކައިގެން 131 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

މިއީ މިފަހުން ބޮލީވުޑްގެ ފިލްމަކަށް މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ބޮލީވުޑަށް އަލަށް ތައާރަފުވި އެކްޓަރެއްގެ ފިލްމަކަށް 500 ކްރޯޑް ރުޕީސް ލިބުނު ވެސް މިއީ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުންޏެވެ.

"ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ކުރީގެ ފިލްމަކަށް ވެސް މިވަރުގެ ކާމިޔާބީއެއް ލިބިފައި ނުވެ އެވެ.

އޭގެ އިތުރުން، އިންޑިއާގައި ރިލީޒްކުރި ލޯބީގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވެސް މި ފިލްމު މިހާރު ވަނީ ވެފަ އެވެ.

ވައިއާރުއެފުން ގެނެސްދޭ "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

"އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓުކޮށްފައިވާ "ސައްޔާރާ"އަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

އަންނަ މަހު ދޭކުން ފެށިގެން މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.