05 އޯގަސްޓް 2025 - 20:32

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މި ހޭދަވި މުއްދަތުގެ ތެރޭ ދުވާލަކު އެވްރެޖްކޮށް 28 ކުދިން ޝަހީދުކޮށްފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
އދ.ގެ ޗިލްރެންސް ފަންޑް (ޔުނިސެފް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ ކުދިން ޝަހީދުވެފައިވާ ކަމަށެވެ.
"ބޮމުގެ ހަމަލާތަކުން މަރު، ރަނގަޅު ކާނާ ނުލިބުމާއި ހައިހޫނުކަމުގެ ސަބަބުން މަރު، އަސާސީ ހިދުމަތްތައް ނުލިބި މަރު،" ޔުނިސެފުން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
"ޣައްޒާގައި ދުވާލަކު އެވްރެޖްކޮށް 28 ކުދިން - ކްލާސްރޫމެއްގައި ތިބޭނެހާ ކުދިން - މަރުވޭ."
އެ އެޖެންސީން ބުނީ ޣައްޒާގެ ކުޑަކުދިން ތިބީ ކާނާ އާއި ސާފު ބޯފެނާއި ބޭސްފަރުވާ އާއި ރައްކާތެރިކަން އިންތިހާ ދަރަޖައަށް ބޭނުންވެފައި ކަމަށެވެ.
"އެއްވެސް ކަމަކަށް ވުރެ ބޮޑަށް އެ ކުދިން ބޭނުންވަނީ ހަމަލާތައް ހުއްޓާލަން،" ޔުނިސެފުން ބުންޏެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާދޭން ފެށި ފަހުން މިހާތަނަށް 18،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، އެވްރެޖްކޮށް ކޮންމެ ގަޑިއިރަކު އެއް ކުއްޖަކު ވަނީ ޝަހީދުވެފަ އެވެ. ހަމާސް ޖަމާއަތުން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 60،933 މީހުން ޝަހީދުވެފަ އެވެ. އަދި 150،027 މީހުން ވަނީ ޒަހަމްވެފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ އަށް ކުއްޖަކު މަރުވެފަ އެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ ހުރަސްތަކުގެ ސަބަބުން 188 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި 94 ކުޑަކުދިން ވެސް ހިމެނެ އެވެ.