05 އޯގަސްޓް 2025 - 14:22

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގެ ޕްލޭނަށް ބަދަލު ގެނެސް ހަމާސް އެއްކޮށް ނައްތާލައި ހުރިހާ ރަހީނުން މިނިވަންކުރާނެ ގޮތުގެ ޕްލޭން އިއުލާނުކުރަން ތައްޔާރުވެފައިވާ ކަމަށާއި މިއީ މުޅި ޣައްޒާގެ ހުރިހާ ކޮންޓްރޯލެއް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމުގެ ޕްލޭނެއް ކަމަށް އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
އާ ޕްލޭނުގެ ދަށުން ސަލާމަތީ އިދާރާތަކުގެ ވެރިންނަށް އަމުރުތައް ކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދުގެ ވަގުތެއްގައި ގުދުސްގައި ބައްދަލުވުމެއް ބާއްވާނެ ކަމަށްވެ އެވެ. އަދި ހަމަ މިކަމާ ދިމާކޮށް އިޒްރޭލުން ވަނީ އދ.ގެ ސަލާމަތީ މަޖިލިސް އެއްކޮށް، އިޒްރޭލުގެ ރަހީނުންގެ ހާލަތު ކިޔައިދޭން ތައްޔާރުވެފަ އެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ، އާމީ ޗީފް އޮފް ސްޓާފްގެ އިތުރުން ޑިފެންސް މިނިސްޓަރުންނާއި އަސްކަރިއްޔާއާ ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ. ނަން ހާމަނުކުރާ އިސް އޮފިޝަލުން އިޒްރޭލުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޣައްޒާ އަލުން ހިފުމަށް ނަތަންޔާހޫ އަމުރުކުރާނެ ކަމަށް ބެލެވެ އެވެ.
"ނަތަންޔާހޫ ބޭނުންވަނީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދަން،" ޕަބްލިކް ބްރޯޑްކާސްޓަރު ކަން އިން ބުންޏެވެ.
"ބޮޑުވަޒީރާ ވާހަކަ ދެއްކި ބައެއް ވަޒީރުން ވަނީ ޣައްޒާގައި އިޒްރޭލުގެ ރަހީނުން ފޮރުވައިގެން ގެންގުޅޭ ކަމަށް ބެލެވޭ ސަރަހައްދުތައް ހިމެނޭ ގޮތަށް ސިފައިންގެ ކޮންޓްރޯލް ފުޅާކުރަން ނަތަންޔާހޫ ބޭނުންވާކަން ކަށަވަރުކޮށްދީފައި."
އަމިއްލަ ނޫހެއް ކަމަށްވާ މާރިވް އިން ވެސް ބުނީ މުޅި ޣައްޒާ ހިފުމުގެ މަރުހަލާ ފެށިއްޖެ ކަމަށެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލު ތެރެއަށް ވަދެ ދިން ހަމަލާތަކުގައި 1،219 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކަށް މިހާރު 22 މަސް ދުވަސް ވެފައި ވާއިރު ޣައްޒާގެ ބޮޑު ބައި އޮތީ ބިމާ ހަމަވެފަ އެވެ. އަދި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 60،933 އަށް އަރައިފަ އެވެ.
މި ހާލަތާ އެކު ޣައްޒާގެ 2.4 މިލިއަނުގެ އާބާދީ ބަނޑަށްޖެހި މަގުމަތިވެފައި ވާއިރު ނަތަންޔާހޫއަށް އެތެރެ އާއި ބޭރުން ވަނީ ވަރަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިވެފަ އެވެ. މި ޕްރެޝަރާ އެކު އިޒްރޭލުން މިއަދު ވަނީ ޣައްޒާގެ އަމިއްލަ ވިޔަފާރިވެރިންނަށް ބައެއް މުދާ އެތެރެކުރުމުގެ ހުއްދަ ދޭން ނިންމައިފަ އެވެ. އެކަމަކު އެއީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ކަނޑައަޅާ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ. -- އޭއެފްޕީ