އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރުމަށް ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން "ހައިލީ ރެކޮމެންޑެޑް" ބޭފުޅެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވީ ޣަނީގެ ނަންފުޅެވެ.

އެހެންވެ، މަޖިލީހަށް ރައީސް މުއިއްޒު ވެސް ފޮނުއްވީ އެންމެ އިސްކަން ދެއްވާ ނަމެއްގެ ގޮތުގައި ޣަނީގެ ނަންފުޅެވެ.

މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަން ވެސް ކުރައްވާ ޣަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރު މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ ރައީސްގެ ކުރިފުޅުމަތީގައި ހުވާކޮށް، މަގާމުގެ ފަތްކޮޅު އެރުވުމުންނެވެ. މިއީ މިހާރު އަމަލުކުރާ ފެހިގާނޫނުގެ އަސާސީގެ ދަށުން އައްޔަން ކުރާ ފަސް ވަނަ އުއްތަމަ ފަނޑިޔާރެވެ.

ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޖޭއެސްސީގެ ރައީސްކަމާއި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން އޭނާ ކުރެއްވި އެވެ.

އޭގެފަހުން 2018 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ޑިސެމްބަރު، 2019 ގައި މަޖިލީހުން އޭނާ މަގާމުން ވަކިކުރީ ސުޕްރީމް ކޯޓުން އޭރު ނިންމި ބައެއް ނިންމުންތަކާ ގުޅިގެންނެވެ.

ޣަނީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ދެން ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ޖޭއެސްސީން ދެވަނަ ދިންއިރު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ.