އެއް މަސް ދުވަހުގެ ތެރޭގައި 3.4 މިލިއަން ރުފިޔާގެ އަގުހުރި ސައިކަލު ހޯދައިފި
އެއް މަސް ދުވަހުގެ ތެރޭގައި 3.4 މިލިއަން ރުފިޔާގެ އަގުހުރި ސައިކަލު ހޯދައިފި

އެއް މަސް ދުވަހުގެ ތެރޭގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ގެއްލިގެން ރިޕޯޓުކުރި އުޅަނދުތަކުގެ ތެރެއިން މިިދިޔަ ޖޫން މަހުގެ 1 އިން ފެށިގެން 30 ގެ ނިޔަލަށް 69 ސައިކަލު ހޯދައި، އޭގެ ވެރިފަރާތަށް ރައްދު ކޮށްދީފައިވާ ކަމަށެވެ.

އެ ސައިކަލުތަކުގެ ޖުމްލަ އަދަދު 3،412،530ރ. އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

ދެ ވަނައަށް އެންމެ ގިނައިން ހޯދީ ވަގަށް ނެގި ފައިސާ އެވެ. އެ މުއްދަތުގެ ތެރޭގައި ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 43 މައްސަލައަކާ ގުޅުން ހުރި 935،972ރ. ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން 213،932ރ. ގެ އަގުހުރި 22 މޮބައިލް ފޯނާއި 168،850ރ. ގެ އަގުހުރި އިލެކްޓްރޯނިކްސް ސާމާނު ހޯދާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

އެހެނިހެން ތަކެތީގެ ގޮތުގައި 56 މައްސަލައަކާ ގުޅުން ހުރި ތަކެތި ހޯދާފައިވެ އެވެ. އެއީ 179،225ރ. ގެ އަގުހުރި ތަކެއްޗެވެ.

ފުލުހުން ބުނީ ބިދޭސީންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުން ވެސް ހަތް ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައްކާތެރި ތަނަކަށް މާލެ ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 1 އިން 31 ގެ ނިޔަލަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމަންޓުތަކުން ވަނީ 1،196 ގަޑިއިރާއި ހަ މިނެޓު ވަންދެން ޕެޓްރޯލްކޮށްފަ އެވެ. ޕެޓްރޯލް ކުރިއިރު 6،389 މީހުން ހުއްޓުވައި ސުވާލުކުރި އެވެ. އޭގެ ތެރެއިން 6،145 މީހުންނަކީ ކުށުގެ ރިކޯޑު އޮތް މީހުން ކަމާއި ބާކީ 244 މީހުންގެ ކުށުގެ ރިކޯޑެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.