ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާ މިހާތަނަށް 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށާއި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ދިން ޖަވާބުގައި ބުނީ ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް 69 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކުރި ޖޫރިމަނާގެ ޖުމްލަ އަދަދު 400،460،000ރ. އަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ގާނޫނަށް އޭރު ގެނައި ބަދަލުތަކުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

އޭގެ ތެރެއިން އެކަކު، އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވަނީ 72.1 މިލިއަން ރުފިޔާއިންނެވެ. ނަމަވެސް، އެއީ ކިހާ ވޭޕެއް އެތެރެކޮށްގެން ކަމެއް ސާފެއް ނުވެ އެވެ.

ވޭޕްގެ ޖޫރިމަނާ ބައި ބިލިއަނެއްހާ ރުފިޔާއަށް އެރިއަސް އެ ފައިސާ މީރާއަށް ދައްކަންޖެހޭތީ އޭގެ ތެރެއިން ދައުލަތަށް ލިބުނީ ކިހާ ވަރެއް އަދި ސާފެއް ނުވެ އެވެ.

ކަސްޓަމްސް އިން ވެސް ވަނީ ވޭޕްގެ ޖޫރިމަނާ ލިބޭނެ ކަމަށް ބުއްދި ގަބޫލުނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އަހުމަދު ސިމާހު، މިދިޔަ މެއި މަހު ވިދާޅުވީ ވަގަށް ވޭޕް އެތެރެކުރުމުން ޖޫރިމަނާކުރިއަސް އެ ފައިސާ ހޯދުމާ މެދު އިތުރަށް ވިސްނާލަންޖެހޭ ކަމަށެވެ.

"މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މި [ޖޫރިމަނާ] ކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރޭ އަމިއްލަ ފަރުދެއް ބޭރުން އަންނައިރު މި ގެންނަ ޕެކޭޖެއްގެ ތެރެއިން މި ހުންނަނީ އެ ފްލޭވާ، އާލަތްތައް އެއްކުރީމަ ކޮންމެ އެއްޗެއް ވަކިން 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް،" ސިމާހު ވިދާޅުވި އެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.