ސިރާޖުގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން އިންގްލެންޑް ބަލިކޮށްފި
ސިރާޖުގެ މޮޅު ކުޅުމާ އެކު އިންޑިއާ އިން އިންގްލެންޑް ބަލިކޮށްފި

ލަންޑަނުގައި ކުރިއަށް ދިޔަ އިންގްލެންޑް-އިންޑިއާގެ ޓެސްޓް ކްރިކެޓް ސިލްސިލާގެ ފަހު މެޗުގައި މުހައްމަދު ސިރާޖުގެ މޮޅު ކުޅުމާ އެކު ހަ ލަނޑުން އިންޑިއާ މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، މި ޓެސްޓް ސިލްސިލާ ނިމުނީ ކޮންމެ ގައުމެއް ދެ މެޗުން މޮޅުވެ، 2-2 އިން އެއްވަރުވެގެންނެވެ. ޖުމްލަ ފަސް މެޗު ކުޅުނު މި ސިލްސިލާގެ ފުރަތަމަ މެޗުން ފަސް ވިކެޓުން މޮޅުވީ އިންގްލެންޑެވެ. ދެ ވަނަ މެޗުން 336 ލަނޑުން މޮޅުވީ އިންޑިއާ އެވެ. ތިން ވަނަ މެޗު 22 ލަނޑުން ކާމިޔާބުކުރީ އިންގްލެންޑެވެ. ހަތަރު ވަނަ މެޗު އެއްވަރުވީ އެވެ.

ލަންޑަނުގެ އޯވަލްގައި އިއްޔެ ކުޅުނު ފަސް ވަނަ މެޗުގެ ފަހު ދުވަހުގެ ކުޅުމަށް އިންގްލެންޑް ނުކުތްއިރު އަތުގައި ހަތަރު ވިކެޓް އޮތެވެ. މޮޅުވާން ބޭނުންވީ 35 ލަނޑެވެ. އެކަމަކު 28 ލަނޑަށް، އިންގްލެންޑުގެ ހުރިހާ ވިކެޓެއް ދިޔައީ އެވެ. އިންޑިއާގެ ސިރާޖް ވަނީ ނުވަ ލަނޑަށް ތިން ވިކެޓު ނަގައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ހައިދަރުއާބާދަށް އުފަން ސިރާޖެވެ.

މިއީ އިންޑިއާގެ ކްރިކެޓުގެ ތާރީހުގައި އެންމެ ހަނި ނަތީޖާ އަކުން މޮޅުވި ޓެސްޓް މެޗެވެ.

މި ސިލްސިލާގައި އެންމެ ވިދާލީ އިންޑިއާގެ އާ ކެޕްޓަން ޝުބްމަން ގިލް އެވެ. އޭނާ ވަނީ 754 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ސައްތަ ހިމެނެ އެވެ.

ޝުބްމަން ގިލް ބުނީ އޭނާގެ ޓީމުން މި ހޯދީ ވަރަށް ނުފެންނާނެ ކަހަލަ މޮޅެއް ކަމަށާއި، ނަސީބު ވެސް އެހީވި ކަމަށެވެ. އަދި ސިރާޖުގެ މޮޅު ކުޅުމަށް ތައުރީފުކޮށް ޝުބްމަން ބުނީ އެފަދަ ކުޅުންތެރިންގެ ސަބަބުން އޭނާ އަށް ކެޕްޓަންކަމުގެ ޒިންމާ ނަގަން ފަސޭހަ ކަމަށެވެ.