05 އޯގަސްޓް 2025 - 11:52

ގޭތެރޭގެ އިންޓީރިއާ ޒީނަތްތެރިކުރުމަށް ބޭނުން ކުރާ ތަކެއްޗަށް ހާއްސަކޮށް އެލް މޮބައިލްސްއިން "ގްލޯ ބައި އެލް"ގެ ނަމުގައި ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވައި ދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެވެ. އޭނާ ވަނީ އެ ފިހާރައިގައި ވިއްކަން ހުރި އެކި ޕްރޮޑަކްޓުތައް ބައްލަވާލައްވައިފަ އެވެ.

ގޭތެރެ އާއި ޑައިނިން އޭރިއާ އާއި ބެޑްރޫމު ޒީނަތްތެރިކުރަން އެތަންތަނުގައި ބަހައްޓާނެ ރީތި ވާސްތަކާއި އެކި ކަހަލަ ޑެކަރެޓިވް އައިޓަމްތަކުގެ އިތުރުން ގޭތެރޭގެ އެކި ތަންތަނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ތަފާތު ލައިޓުތައް އެ ފިހާރައިން ވިއްކަ އެވެ. އަދި އެކި ކުލަތަކުގެ ސްޓައިލިޝް ރީތި ސުވިޗާއި ރިމޯޓްކޮންޓްރޯލުން ކުލަ ބަދަލުކޮށްލެވޭނެ ބޮކި ވެސް އެތަނުގައި ހުރެ އެވެ. އޭގެ އިތުރުން ގޭގެ ވަސްމީރުކޮށްލުމަށް ބޭނުން ކުރާނެ ޑިފިއުޒަރާއި އެކި ޑިޒައިންތަކާއި ކުލަތަކުގެ ބެޑްޝީޓް ސެޓުތައް ވެސް އެތަނުގައި ހުރެ އެވެ.
މި ފިހާރައިގެ ޑައިރެކްޓަރު އަލީ އަބްދުﷲ ވިދާޅުވީ އެތަނުން ގޭގެ އިންޓީރިއާ ރީތިކޮށްލުމަށް ބޭނުން ކުރެވޭނެ، ޒަމާނީ ތަފާތު، އެކި ޕްރޮޑަކްޓުތައް ލިބެން ހުންނާނެ ކަމަށެވެ. އަދި މިހާރު އެތަނުން ލިބެން ހުރި ޕްރޮޑަކްޓުތަކުގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާ ޕްރޮޑަކްޓުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެތަނުން ވިއްކާ ތަކެތިން ކަސްޓަމަރުންގެ ރިކުއެސްޓަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ.
އެތަނުގައި ޑެކަރެޓިވް އައިޓަމްތަކުގެ އިތުރުން ތަފާތު، ރީތި، ސްޓައިލިޝް ފަންކާ އާއި ތަޅު ފަދަ ތަކެތި ވެސް ހުރެ އެވެ.
މި ފިހާރަ ހުންނަނީ ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ އިންޑިއަން ސަމާ ރެސްޓޯރަންޓާއި ޖެހިގެންނެވެ.