ޖޫރިމަނާ ބޮޑުކޮށް، ޓެކްސް ނުދައްކާ މީހުން ޖަލަށްލެވޭ ގޮތަށް ބޮޑެތި ބާރުތަކެއް ދެނީ
ޖޫރިމަނާ ބޮޑުކޮށް، ޓެކްސް ނުދައްކާ މީހުން ޖަލަށްލެވޭ ގޮތަށް ބޮޑެތި ބާރުތަކެއް ދެނީ

ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުމެވެ.

މިގޮތުން، އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އެ ބިލުގައިވާ ގޮތުން، މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން، މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފަ އެވެ.

މިގޮތުން، ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅައިފަ އެވެ.

މީރާ އިން ފޮނުވާ ނޯޓިސްތައް ރައްދުކުރުމުގައި މިހާރު ދިމާވާ ދަތިތައް ވެސް މި އިސްލާހުގެ ދަށުން ވަނީ ހައްލުކޮށްދީފަ އެވެ. މީރާއަށް ދީފައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެ ނޯޓިހެއް ނުވަތަ ލިޔުމެއް ފޮނުވާ ތާރީހުން ފެށިގެން، އެ ލިޔުން ފޮނުވާ ފަރާތަށް ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް އާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.