ޕޮލްކޯއަށް 291 މިލިއަންގެ ބޮޑު ގެއްލުމެއް، ބަދަލަކަށް ނަގަނީ އައިލެންޑް އެކްސްޕާޓުގެ ލަގްޒަރީ ފްލެޓް އިމާރާތް!
ޕޮލްކޯއަށް 291 މިލިއަންގެ ބޮޑު ގެއްލުމެއް، ބަދަލަކަށް ނަގަނީ އައިލެންޑް އެކްސްޕާޓުގެ ލަގްޒަރީ ފްލެޓް އިމާރާތް!

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އަމަލުކުރި ގޮތުން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯ އަށް ލިބުނު 291 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލަށް ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް ދައުލަތަށް ނަގަން އެދެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.

ޕޮލްކޯއަށް 291 މިލިއަންގެ ބޮޑު ގެއްލުމެއް، ބަދަލަކަށް ނަގަނީ އައިލެންޑް އެކްސްޕާޓުގެ ލަގްޒަރީ ފްލެޓް އިމާރާތް!
ޕޮލްކޯއަށް 291 މިލިއަންގެ ބޮޑު ގެއްލުމެއް، ބަދަލަކަށް ނަގަނީ އައިލެންޑް އެކްސްޕާޓުގެ ލަގްޒަރީ ފްލެޓް އިމާރާތް!

ފުލުހުންގެ ފްލެޓު އިމާރާތުގެ ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓުން ހުޅުމާލެ 2 ގައި ލަގްޒަރީ އިމާރާތެއް ހަދަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި އެ އިމާރާތުގެ ބައެއް ފްލެޓުތައް ވިއްކައިގެން ފައިސާ ވެސް ނަގާފައިވާ ކަމަށް އެނގިފައި ވެ އެވެ.

އެ އިމާރާތް ދައުލަތަށް ނަގަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދެން ނިންމިކަން ހާމަކުރެއްވީ ޕޮލްކޯއާ ގުޅޭ ގޮތުން އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމެވެ. އޭނާ ވަނީ އެ މައްސަލާގައި ފާހަގަކުރެވުނު މުހިއްމު ކަންކަން ހާމަކުރައްވައިފަ އެވެ. އަދި މައްސަލަތައް މާލިއްޔަތު ކޮމިޓީއަށް ގެންދަން އިއްޔެ ނިންމި އެވެ.

ނާޒިމް ވިދާޅުވީ ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން އެ ކުންފުންޏަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިވާއިރު، އެ ގެއްލުމުގެ ބަދަލު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ ކޮމިޓީގެ ދިރާސާތަކުން ދައްކާ ގޮތުން ފުލުހުންގެ ފްލެޓް އިމާރާތް އެޅުމުގެ މަޝްރޫއުއާ ހެދި ޕޮލްކޯ އަށް 291 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެކަމަކު، އެއީ އޮޑިޓުގައި ފާހަގަކޮށްފައިވާ އަދަދަށް ވުރެ ދަށް އަދަދެކެވެ.

ފުލުހުންގެ ފްލެޓާ ގުޅޭ އޮޑިޓްގައިވާ ގޮތުން ޕޮލްކޯ އަށް 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވެ އެވެ.

ނާޒިމް ވިދާޅުވީ، އެފަދަ މައްސަލައެއްގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި މިއީ ދައުލަތަށް ފައިސާ ހޯދައިދޭ ފުރަތަމަ ފަހަރު ކަމަށެވެ. އައިލެންޑް އެކްސްޕާޓުގެ އެޕާޓްމެންޓް ބްލޮކް ސަރުކާރަަށް ނަގައިފި ނަމަ 150 އެޕާޓްމެންޓް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެޕާޓްމެންޓް ބްލޮކް ޑިޒައިން ކޮށްފައިވަނީ 117 ލަގްޒަރީ އެޕާޓްމެންޓް ހިމެނޭ ގޮތަށް. އެކަމަކު އެ ތަން ސޯޝަލް ހައުސިންއަށް ބަދަލުކޮށްފި ނަމަ 150 އަށް ވުރެ ގިނަ އެޕާޓްމެންޓް ހެދޭނެ. އެ ބިމުގެ އެކުއިޒިޝަން ކޮސްޓް ވެސް އެޗްޑީސީ އަށް [އައިލެންޑް އެކްސްޕާޓުން] ދައްކާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އައިލެންޑް އެކްސްޕާޓުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަނީ 117 އެޕާޓްމެންޓްގެ ލަގްޒަރީ ފްލެޓް އިމާރާތެކެވެ. އެ ފްލެޓް އިމާރާތުގެ ބިން ސަރުކާރަށް ނަގަން ހުށަހެޅީ ފުލުހުންގެ ފްލެޓް އިމާރާތް އެޅުމުގައި ޕޮލްކޯ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގަ އެވެ. އެއީ ހުޅުމާލެ 2 ގެ ލޮޓް ނަންބަރު 20493 އެވެ.

"މިހާރު" އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އެ ޕްރޮޖެކްޓްގައި 1+4 ކޮޓަރި އާއި 1+3 ކޮޓަރި އާއި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 3،100 އަކަމީޓަރުގެ ބިމެކެވެ. ޖުމުލަ 15 ބުރީގެ އެ އިމާރާތް ހެދުމަށް ޕްލޭން ކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އެވެ.

- ޕްލޮޓް އޭރިއާ: 3،135.79 އަކަމީޓަރު

- ބިލްޑިން އޭރިއާ: 2095.99 އަކަމީޓަރު

- 15 ބުރި + ޓެރަސް

- 117 އެޕާޓްމެންޓް (1+4 ކޮޓަރީގެ 26 ޔުނިޓު، 1+3 ކޮޓަރީގެ 39 ޔުނިޓު، ތިން ކޮޓަރީގެ 13 ޔުނިޓު، ދެ ކޮޓަރީގެ 39 ޔުނިޓު)

ޕޮލްކޯ އާއި އައިލެންޑްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ، އިމާރާތުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ފަށާފައިވާއިރު، އެ ތަން ވިއްކުމުގެ ހުއްދަ ވެސް އަދި މިހާތަނަށް އެޗްޑީސީން ދީފައި ނުވާ ކަމަށެވެ. އެހެންވެ، އެކަމުން ގެއްލުން ވާނެ ފަރާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އޮންނަ އުސޫލުގެ ތެރެއިން ފްލެޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުންނެވެ.

ހުއްދަ ނުދިން ނަމަވެސް، އެ ތަން ގަންނަން ބޭނުންވާ މީހުންގެ އަތުން ނުރަސްމީކޮށް އެޕާޓްމެންޓްގެ އަގަށްވާ ފައިސާގެ އަދަދު ނަގާފައިވާ ކަން "މިހާރު" އަށް އެނގިފައިވެ އެވެ.

"ކޮންޓްރެކްޓާ [އައިލެންޑް އެކްސްޕާޓް] މިހެން ޑިވެލޮޕް ކުރީ ޕޮލްކޯ އިން ނެގި ފައިސާ ސައިފޮން [ނާޖައިޒް ގޮތުގައި ބޭނުންކޮށްގެން] ކޮށްގެން ކަމުގެ ސާފު ހެކި ހުރީމާ، މިގޮތަށް އެ އިމާރާތް ނަގަން ނިންމީ. ބޭރުން ގެނައި ފައިސާއެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އިއްޔެ ވަނީ ޕޮލްކޯގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް އޭސީސީގެ ދަށުން ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް އުފައްދުމަށް އަންގަން ވެސް ނިންމައިފަ އެވެ.

ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅޭ ގޮތުން ހެދި އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ބޮޑު އަދަދެއް ކަމަށް އޮޑިޓުގައިވެ އެވެ.