ބަރު ދަބަހަށް ފައިސާ ދައްކަން އެދުމުން އިންޑިއާ ސިފައިންގެ މީހަކު ސްޕައިސްޖެޓްގެ މުވައްޒަފަކަށް ހަމަލާދިފި
ބަރު ދަބަހަށް ފައިސާ ދައްކަން އެދުމުން އިންޑިއާ ސިފައިންގެ މީހަކު ސްޕައިސްޖެޓްގެ މުވައްޒަފަކަށް ހަމަލާދިފި

އިންޑިއާގައި އެ ގައުމުގެ ސިފައިންގެ މީހަކު މާ ބަރު ކެބިން ދަބަހެއް ހިފައިގެން ސްޕައިސްޖެޓްގެ ފްލައިޓަކަށް އަރަން އުޅުމުން އެ ދަބަހަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނުމާ އެކު ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފި އެވެ.

ކަޝްމީރުގެ އިންޑިއާ ސަރަހައްދުން ސްޕައިސްޖެޓްގެ ފްލައިޓަކަށް އަރަން އުޅުނު މީހާ އެ އެއާލައިންގެ ގްރައުންޑް ސްޓާފަށް ހަމަލާ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް މި މައްސަލަ ބޮޑުވީ އެ ހަމަލާގެ ވީޑިއޯ އާންމުވުމާ އެކުގަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ސިފައިންގެ މީހާ މުވައްޒަފަށް ހަމަލާ ދެނީ ދަގަނޑު ސްޓޭންޑަކުންނެވެ.

އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާގެ ސަބަބުން މުވައްޒަފުންގެ މައިބަދައިގައި ރެނދުލައި ކޯ ކަށިގަނޑަށް ވެސް އަަނިޔާވެ ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

މި އަމަލު ހިންގި އަސްކަރިއްޔާގެ އޮފިސަރު ރިތޭޝް ކުމާރު ސިންގް ދިފާއުގައި ބުނެފައިވަނީ އެކަން ހިނގީ ސްޓާފުން އޭނާ "ރުޅިއެރުވުމުން" ކަމަށެވެ. އަދި ސިންގް ވަނީ މުވައްޒަފުން އޭނާއަށް ހަމަލާ ދިން ކަމަށް ބުނެ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ވަނީ މައްސަލަ ބަލަމުން އަންނަކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

"އިންޑިއާ ސިފައިންގެ އަހުލާގީ މިންގަނޑު އެންމެ މަތީ ދަރަޖާގައި ހިފެހެއްޓުމަކީ އަބަދުވެސް އެންމެ މުހިންމު އެއް ކަންތައް. މި ތުހުމަތުގެ މައްސަލަ ސީރިއަސްކޮށް އެބަ ބަލަން،" ސިފައިންގެ ޕަބްލިކް ރިލޭޝަން އޮފިސަރު ބުނެފައިވެ އެވެ.

އެއާލައިން ބުނި ގޮތުގައި މާރާމަރީ ހިންގާފައިވަނީ ސިފައިންގެ މީހާގެ ކެބިން ބެގޭޖް، އެއާލައިނުން ކަނޑައަޅާފައިވާ ބަރުމިނަށްވުރެ ދެ ގުނަ ބަރުކަމުން ބޯޓަށް އެ އެެރުވޭނީ އެކްސެސް ބެގޭޖް ފީ ދައްކައިގެން ކަމަށް ބުނުމުންނެވެ. އަދި ފީ ދައްކަން ދެކޮޅު ހަދައި ގަދަކަމުން އެއަރޯބްރިޖުން ބޯޓަށް އަރަން ވަދެގަތް ކަމަށް ވެސް ބުންޏެވެ.