04 އޯގަސްޓް 2025 - 17:41

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ހަތް ކުދިން ފޮނުވަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ.
މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަން ނިންމި 10 ކުދިންގެ ތެރެއިން ތިން ކުދިން ފޮނުވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
މިނިސްޓްރީން ބުނީ މިމަހު ފޮނުވާ ހަތް ކުދިންގެ ތެރެއިން ތިން ކުދިން މިއަދު ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ. އަދި މާދަމާ އެއް ކުއްޖަކު ފުރަން ހަމަޖެހިފައިވާއިރު މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަސް އަދި 12 ވަނަ ދުވަހު އިތުރު ތިން ކުދިން ފުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އެ ކުދިންގެ އާއިލާތަކާ މިއަދު ބައްދަލު ކުރައްވައިފަ އެވެ.
ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭއިރު، އެ ލިސްޓުގައި މިވަގުތު ވެސް 22 ކުދިން އެބަތިއްބެވެ.