04 އޯގަސްޓް 2025 - 12:35

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ދެ ފިލްމު ކަމަށްވާ "ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ބޮކްސް އޮފީހުގައި ވަރަށް ވާދަވެރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ ފިލްމުގެ ތެރެއިން ބޮކްސް އޮފީހުގައި މިވަގުތު ކުރީގައި އުޅެނީ އަޖޭ ދޭވްގަން އާއި މުރުނާލް ޓާކުރު ލީޑު ރޯލު ކުޅޭ ކޮމެޑީ ފިލްމު "ސަން އޮފް ސަރްދާރު 2" އެވެ. ކްރިޓިކްސްގެ ފަރާތުން މިކްސްޑް ރިވިއުތަކެއް ލިބިފައިވާ އެ ފިލްމަށް އިއްޔެގެ ނިޔަލަށް ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 24 ކްރޯޑް ރުޕީސް ލިބިފަ އެވެ.
"ސަން އޮފް ސަރްދާރު 2" 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މީގެ 13 އަހަރު ކުރިން ގެނެސްދިން "ސަން އޮފް ސަރްދާރު"ގެ ފުރަތަމަ ފިލްމަށް ލިބުނު ވަރުގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބޭނެ ކަން ކަށަވަރު ވާނީ ފުރަތަމަ ހަފުތާގައި ލިބޭ އާމްދަނީއަށް ބަލައިފަ އެވެ.
މީގެ ހަތް އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ދަޅަކް"ގެ ދެވަނަ ފިލްމަށް އިއްޔެގެ ނިޔަލަށް އިންޑިއާގެ ބޮކްސް އޮފީހުގައި ލިބިފައި ވަނީ 14 ކްރޯޑް ރުޕީސް އެވެ. ތުރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރުވޭދީ ލީޑު ރޯލު ކުޅޭ ލޯބީގެ އެ ފިލްމަކީ 40 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ދަޅަކް 2"އަށް ވާދަވެރިކަން ބޮޑުވާ އިތުރު އެއް ސަބަބަކީ މިވަގުތު ސިނަމާގައި ދައްކަމުން އަންނަ ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ވައިއާރުއެފްގެ "ސައްޔާރާ" އެވެ.
މިދިޔަ މަހު 18 ގައި ރިލީޒްކުރި، 35-50 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ސައްޔާރާ"އަށް އިންޑިއާގެ ބޮކްސް އޮފީހާއި ދުނިޔޭގެ ބޮކްސް އޮފީސް ހިމެނޭ ގޮތަށް މިހާރު ވަނީ ޖުމްލަ 478 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"ސައްޔާރާ" މިހާރު ވެފައި ވަނީ މި އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމަށެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ 800 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއަކާއެކު ވިކީ ކައުޝަލްގެ ތާރީޚީ ޑްރާމާ ފިލްމު "ޗާވާ" އެވެ.