04 އޯގަސްޓް 2025 - 12:42

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ދިގު ފިލްމީ ކެރިއަރުގައި އޭނާއަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑް ލިބިއްޖެ އެވެ.
އިންޑިއާގެ ސަރުކާރުން ދޭ ގައުމީ ފިލްމު އެވޯޑް މި އަހަރު ލިބޭ ފިލްމުތަކާއި ފަންނާނުންގެ ނަންތައް މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.
އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމު އެވޯޑް ޝާހުއަށް ލިބުނީ 2023 ވަނަ އަހަރު ނުކުތް އޭނާގެ އެކްޝަން ފިލްމު "ޖަވާން"ގައި ކުޅުނު ރޯލުންނެވެ. މިއީ، އޭނާއަށް ގައުމީ ފިލްމު އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޝާހުގެ ފިލްމުތަކަށް ގައުމީ ފިލްމު އެވޯޑް ލިބިފައި ވިޔަސް، އޭނާއަށް އެވޯޑެއް ނުލިބެ އެވެ.
އެހެންވެ، ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާއި ސެލެބްރިޓީން ވަނީ ޝާހުގެ މި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔައިފަ އެވެ.
މި އެވޯޑް ލިބުމުން ޝާހު ވަނީ ފަނޑިޔާރުންނަށް ޝުކުރު އަދާކޮށް ވީޑިއޯ މެސެޖަކާއެކު އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
"މި އެވޯޑް ލިބުމުގެ ޝަރަފު އަހަންނަށް ދިނީތީ ސަރުކާރަށް ޝަކުރު އަދާކުރަން. އެންމެންގެ ފަރާތުން ލިބުނު ލޯތްބަށް ވަރަށް އުފާކުރަން،" ޝާހު ބުންޏެވެ.
އަޓްލީ ކުމާރު ޑައިރެކްޓުކޮށް ގެނެސްދިން ޝާހުގެ "ޖަވާން"އަކީ 2023 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.
މިއީ، އިންޑިއާގެ ގައުމީ ފިލްމު އެވޯޑް ދޭ 71 ވަނަ އަހަރެވެ. މިފަހަރުގެ އެވޯޑުތައް ކާމިޔާބުކުރި ފަންނާނުންނަށް އެވޯޑުތައް ހަވާލުކުރާ ތާރީޚު އަދި އިއުލާންކޮށްފައި ނުވެ އެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވާނީ އިންޑިއާގެ ރައީސް ތޮރުޕަތީ މުރުމޫ އެވެ.