04 އޯގަސްޓް 2025 - 11:56

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ބައިވެރިވެވަޑައިގަތް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުވެވަޑައިގަތީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅޭ ގޮތުންނާއި އެމްއެމްއޭ އިން ކުރާ ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަން އޭނާ އެދިވަޑައިގެންނެވެ.
މިއަދުގެ ބައްދަލުވުން ސިއްރުކުރަން މުނައްވަރު އެދިވަޑައިގަތުމުން، އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު ވަނީ އާންމުންނާ ގުޅޭ މުހިއްމު މައުލޫމާތުތައް ހިއްސާކުރައްވާ، އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ހުށަހަޅުއްވައިފަ އެވެ.
"އަޅުގަނޑަކަށް ނުފެނޭ މުޅި ކޮމިޓީ ސިއްރުކޮށްގެން ގެންދާކަށް. ސިއްރުން ބުނަން ބޭނުންވާ ކަމެއް އޮތިއްޔާ އެކަމެއް ސިއްރުކޮށްފައި، ޕަބްލިކަށް އެނގެން ޖެހޭ މިކުރެވޭ ސުވާލުތަކާއި މަސައްކަތް. އަޅުގަނޑުމެން ސިއްރުން ހުރިހާ ކަމެއް ކުރަންޏާ ކިހިނެތްތޯ ކަންކަން ރަނގަޅު ކުރާނީ. އަޅުގަނޑުމެންގެ މާ ބޮޑު ޝަކުވާއެއް އެބަ އޮތް ޕަބްލިކްގެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްރުކުރަން އޮންނަނީ ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލަތައް ކަމަށާއި ކޮންމެ ކަމެއް ސިއްރު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމަށް ތާއީދު ކުރެއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
އެ ހުށަހެޅުން އޮއްވައި، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ގަވަރުނަރު މުނައްވަރު އެދިވަޑައިގަތް ގޮތަށް އެ މައްސަލަ ސިއްރު ކުރަން ހުށަހަޅުއްވައިފަ އެވެ. މިކަމުގައި ހާމަކުރަން ޖެހޭ މައުލޫމާތެއް އޮތް ނަމަ، އެކަންކަން ހާމަކުރާނެ ކަމަށް ވެސް މަމްދޫހް ވިދާޅުވި އެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. މިގޮތަށް ކޮމިޓީ ކުރިއަށް ގެންދަން، ފާސްވީ، ކޮމިޓީގައި ތިއްބެވި ހަ މެމްބަރެއްގެ ތާއީދާ އެކުގަ އެވެ.