23 މާޗް 2017 - 11:20

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން ކިޔެވުން މެދުކަނޑާލުމަށްފަހު، އަންނަ އާދިއްތަ ދުވަހު ކިޔެވުން އަލުން ފަށަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ނިންމައިފި އެވެ.
އެމްއެންޔޫގެ އޮފިޝަލަކު ވިދާޅުވީ އެ ޔުނިވާސިޓީގެ އިސްވެރިން މިއަދު ބޭއްވެވި ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާ ކަމަށެވެ.
މި ހަފުތާއަކީ މިޑް ޑާމް ބްރޭކަށް ވާތީ، ޔުނިވާސިޓީތަކާއި ކޮލެޖު އަދި ސްކޫލުތައް ވެސް ބަންދުވާނެ އެވެ. އުސޫލެއްގެ ދަށުން އަންނަ ހަފުތާގެ އާދިއްތަ ދުވަހަކީ އެ ތަންތަނުގެ ކިޔެވުން ފެށޭ ދުވަހަށް ވިޔަސް، ކިޔެވުން ފެށުމާ މެދު ބައެއް ތަންތަނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ސްކޫލުތަކުގެ ކިޔެވުން ބަންދުކުރީ މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސްކޫލުތައް އަލުން ހުޅުވާނީ ހާލަތު އޮތް ގޮތް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް މިނިސްޓްރީން ވެސް އެކަމަށް އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން ރޯގާގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމުގައިވާ ސްވައިން ފްލޫ ޖެހިގެން 169 މީހަކު ވަނީ މިދިޔަ އަންގާރަ ދުވަހާ ހަމައަށް ޕޮޒިޓިވް ވެފަ އެވެ. އަދި ތިން މީހަކު ވަނީ މަރުވެފަ އެެވެ.