04 އޯގަސްޓް 2025 - 10:40

ސިހުރާއި ފަންޑިތަ ހަދައިދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފުޅާކޮށް އެކަން ޕްރޮމޯޓްކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެކި ކަންކަމާ ގުޅުވައި ސިހުރު ހަދަން ހިތްވަރުދީ، ފޭސްބުކުގައި ދައުރުކުރާ އެ ޕޭޖުތައް ހިންގަމުން އަންނަނީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސިހުރު ހަދައިދޭ ކަމަށް ބުނެ ގިނަ ޕޭޖުތަކެއް ފޭސްބުކްގައި ހިންގަ އެވެ.
އެ ޕޭޖުތަކުގައި ސިހުރާއި ފަންޑިތައާ ގުޅުން ހުރި ފޮޓޯ އާއި މައުލޫމާތުތައް ހިއްސާ ކޮށްފައި ހުރެ އެވެ. އޭގެ އިތުރުން އެ ޕޭޖު ހިންގާ މީހުން ހަދައިދޭ ސިހުރާއި ފަންޑިތައިގެ ވައްތަރުތައް ވެސް ކިޔައިދީފައި ހުރެ އެވެ.
ސިހުރު ހެދުމަކީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވިޔަސް، ސިހުރު ޕޭޖުތަކުން އެ ޕްރޮމޯޓްކޮށް އެކި ބަލިތަކާ ގުޅިގެން ވެސް ސިހުރު ހަދައިދޭ ކަމަށް އިޝްތިހާރުކުރެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ސިހުރުގެ މައްސަލަ ބޮޑުވެ، ރިޕޯޓްކުރާ ބައެއް ސަރަހައްދުތަކަށް ފުލުހުންގެ ތަހުގީގު ޓީމުތައް ގޮސް، އެކި ރަށްރަށް ބަލައި ފާސްކޮށްފައި ވެސް ވެ އެވެ.
ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުން މިދިޔަ ފެބްރުއަރީ 20 ގައި ހިންގި އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދާފައި ވެ އެވެ.
މިދިޔަ މޭ މަހު ހއ. ބާރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ފަހުން އެ އެންމެން ވެސް ދޫކޮށްލީ އެވެ.