އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވުމާ ގުޅިގެން އެ ނަން ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވެވި ރައީސް މުއިއްޒުގެ ސިޓީގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަން ކުރައްވަން ޖޭއެސްސީން އެ މަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެހެންވެ، މަޖިލިހަށް އެ ނަން އިއްވެވުމަށް ފަހު، ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވިކަން މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

ޣަނީގެ އިތުރުން އުއްތަމަ ފަނޑިޔާރުކަމަށް ދެން ޝައުގުވެރިކަން ފާޅުކުރެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

ޖޭއެސްސީން އެ ތިން ބޭފުޅުންނާ ކުރި އިންޓަވިއު އަށް ފަހު މާކްސް ދިން ގޮތަށް ބަލާއިރު ޣަނީ ހިމެނިވަޑައިގަތީ "ހައިލީ ރިކޮމެންޑެޑް" ކެޓަގަރީގަ އެވެ. އަބްދުﷲ އަށް ލިބިވަޑައިގަތީ "ރިކޮމެންޑެޑް" އެވެ. ތަރުތީބަށް ބަލާއިރު ޝުޖާއު އުޅުއްވަނީ ތިންވަނައިގަ އެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.

އުއުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށް ފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.

އެ މުއްދަތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ޣަނީ ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ޣަނީ ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ޑިސެމްބަރު 2019 ގައި ރައްޔިތުންގެ މަޖިލިހުން އޭނާ އެ މަގާމުން ވަކިކުރީ އެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި އެވެ.

ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި ޝުޖާއު އުސްމާން ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރު އެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް އޮގަސްޓް 2020 ގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދަކީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އެވެ.