އަނަރޫފަވެފައި ތިބި ރަހީނުންގެ ވީޑިއޯ އާންމުކުރުމުން އެ މީހުންނަށް ކާންދެވޭނެ ގޮތެއް ހޯދަނީ
އަނަރޫފަވެފައި ތިބި ރަހީނުންގެ ވީޑިއޯ އާންމުކުރުމުން އެ މީހުންނަށް ކާންދެވޭނެ ގޮތެއް ހޯދަނީ

ފަލަސްތީނުގެ ޣައްޒާގައި ހަމާސް އާއި އެ ޖަމާއަތާ އެކު މަސައްކަތްކުރާ ޖަމާއަތްތަކުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން ދެ މީހެއްގެ ވީޑިއޯ އާންމުކުރި އިރު އެ މީހުން ހިކި އަނަރޫފަ ވެފައި ތިބުމުން ކާނާ އާއި ބޭސް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަން އިޒްރޭލުން އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) ގެ އެހީއަށް އެދެފި އެވެ.

އިޒްރޭލުން ޣައްޒާ ހިސާރުކޮށް، ކާނާ އާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް ވެއްދުމުގެ ފުރުސަތު ނުދޭތީ މުޅި ޣައްޒާ ބަނޑަށް ޖެހި މީހުން މަރުވަމުން ދަނިކޮށް އާންމުކުރި ވީޑިއޯތަކުގައި ރަހީނުން ތިބި ގޮތް ފެނުމުން ދުނިޔޭގެ ލީޑަރުން ގެންދަނީ އެކަމާ ކަންބޮޑުވެ ދެރަވެގެން ވާހަކަ ދައްކަމުންނެވެ.

ހަމާސް އިން ބުނެފައިވަނީ ރަހީނުންނަށް ވެސް ކުރިމަތިވެފައި ވަނީ ފަލަސްތީނުގެ އާންމުންނަށް ޖެހިފައިވާ ހާލަތު ކަމަށާއި އެއީ އިޒްރޭލުގެ އަމަލުތަކުގެ ނަތީޖާ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އައިސީއާރުސީގެ މި ސަރަހައްދުގެ ކޯޑިނޭޓަރު ޖޫލިއަން ލެރިސަންއާ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި، ރަހީނުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި ކާނާ އާއި ބޭސްފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދުނު ކަމަށް ބަޔާނުގައިވެ އެވެ.

އައިސީއާރުސީން ވަނީ ރަހީނުންގެ ވީޑިއޯތައް ފެނި ކަންބޮޑުވާ ކަމަށް ބުނެ އެ މީހުންނާ ހިސާބަށް ދެވޭނެ ގޮތެއް ހަމަޖައްސައިދޭން އެދިފަ އެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ރައްދުގައި ބުނީ އެ އިންތިޒާމު ހަމަޖައްސައިދޭނީ މުޅި ޣައްޒާގެ ހުރިހާ ހިސާބަކަށް އެހީގެ ސާމާނު ވެއްދުމަށް މަގުތައް ހުޅުވާލުމުން ކަމަށެވެ.

އަލް ގައްސާމް ބްރިގޭޑްސް އިން ބުނީ އެ ޖަމާއަތުން ގަސްތުގައި ރަހީނުން ބަނޑަށް ބައިތިއްބަނީ ނޫން ކަމަށެވެ. މުޅި ޣައްޒާ ބަނޑަށްޖެއްސުމުގެ ޖަރީމާ ކުރިއަށް ދާއިރު އެ ޖަމާއަތަށް ވެސް އެ ދަތިކަން ކުރިމަތިވެފައިވަނީ ކަމަށާއި އެ މީހުންނަށް ވަކިން ހާއްސަކޮށް ކާނާ ނުލިބޭ ކަމަށް ބުންޏެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގައި މިއުޒިކް ފެސްޓިވަލެއްގެ ތެރެއިން ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ ރޮމް ބްރަސްލަވްސްކީ އާއި އެވްޔާޓާ ޑޭވިޑްގެ ވީޑިއޯތައް އާންމުކުުރުމުން، ރަހީނުން މިނިވަންކުރެވޭނެ އެއްބަސްވުމަކަށް އިޒްރޭލުން އަވަހަށް މަސައްކަތްކުރުމަށް ގޮވާލުން ވަނީ އިތުރުވެފަ އެވެ.

އިޒްރޭލުން ބުނަމުންދަނީ ޣައްޒާއަށް އެކަށީގެންވާ ވަރަށް ކާނާ ވައްދަން ހުއްދަ ދޭ ކަމަށާއި އެހީގެ ސާމާނު ވަގަށް ނަގައި ފޭރުމަށް ފަހު އާންމުން ބަނޑަށް ޖައްސަނީ ހަމާސް އިން ކަމަށެވެ. ރަހީނުންނަށް ވެސް ކާން ނުދެނީ ގަސްދުގައި ކަމަށް ބުނެ އިޒްރޭލުގެ އެއްވެސް ޒިންމާއެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވަނީ ނަތަންޔާހޫ ވާހަކަ ދައްކައިފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ވެސް މިހާރު ވަނީ ރަހީނުން ތިބި ގޮތް ފެނި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވެސް ނިންމައިފަ އެވެ.