03 އޯގަސްޓް 2025 - 19:16

ރަޝިއާގެ އިރުމަތީގައި ހުންނަ އަލިފާން ފަރުބަދައެއް 500 އަހަރުތެރޭ ފުރަތަމަ ފަހަރަށް ގޮވައިފި އެވެ.
މިއީ މިދިޔަ ހަފުތާގައި އައި ބާރުގަދަ ބިންހެލުމާ ގުޅިފައިވާ ހާދިސާއެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ކަމްޗަޓްކާގެ ކްރަޝެނިންނިކޯވް އަލިފާން ފަރުބަދަ ގޮވި އިރު ހަ ކިލޯމީޓަރު (3.7 މޭލު) މައްޗަށް އަޅިތައް އަރައިގެން ދިޔަ އެވެ. ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ބުނި ގޮތުގައި މިއީ އެކަހެރި ހިސާބެއްގައި ހުންނަ ފަރުބަދައަކަށް ވުމުން، މީހުން އުޅޭ ސަރަހައްދުތަކަށް މިކަމުގެ އެއްވެސް ނުރައްކަލެއް ނެތެވެ.
ކަމްޗަޓްކާ ޕެނިންސިއުލާ އަކީ އެކަހެރި ސަރަހައްދެއް ނަމަވެސް އެއީ ބިންހެލުން އާންމު އަދި އަލިފާން ފަރުބަދަތައް ގިނަކަމުން "ޕެސިފިކް ރިންގް އޮފް ފަޔާ" ގެ ނަން ދީފައިވާ ހިސާބުގައި އޮންނަ ތަނެކެވެ.
ކްރަޝެނިންނިކޯވް އެންމެ ފަހުން ގޮވި ކަމަށް ރެކޯޑް ކުރެވިފައިވަނީ 15 ވަނަ ގަރުނުގައި ކަމަށް ކަމްޗަޓްކާ ވޮލްކޭނިކް އެކްސްޕްރޭޝަން ރެސްޕޮންސް ޓީމުން ވަނީ ބުނެފަ އެވެ. އެ ޓީމުގެ ވެރިޔާ އޮލްގާ ގިރީނާއާ ހަވާލާދީ ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ އާރްއައިއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މިދިޔަ ހަފްތާގައި އައި 8.8 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިފައިވާ ހާދިސާއެކެވެ.
އަލިފާން ފަރުބަދަ ގޮވިތާ ގަޑިއިރުތަކެއް ފަހުން ރަޝިއާއަށް މިއަދު ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވެ އެވެ. ކުރިލް އައިލެންޑްސް އަށް 7.0 މެގްނިޓިއުޑްގައި އައި ބިންހެލުމާ ގުޅިގެން ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ވަނީ 18 ސެންޓިމީޓަރު (7 އިންޗި) އާ ހަމައަށް ރާޅު އުފެދިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ޕެނިންސިއުލާގެ ތިން ސަރަހައްދަކަށް ސުނާމީގެ އިންޒާރު ވެސް ދިނެވެ.
މި ދެ ހާދިސާ ވެސް ގުޅިފައި ވަނީ މިދިޔަ ހަފުތާގައި އެ ސަރަހައްދަށް އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. މިދިޔަ ހަފްތާގެ ބިންހެލުމާ ގުޅިގެން ފްރާންސް ޕޮލިނޭޝިއާ އާއި ޗިލީ ފަދަ ދުރު ހިސާބުތަކަށް ވެސް ސުނާމީގެ އިންޒާރު ދީފައިވެ އެވެ.
ބުދަ ދުވަހު އައި ބިންހެލުމާ ގުޅިގެން އެތައް ހަފްތާއެއް ވަންދެން، ބާރުގަދަ އާފްޓާޝޮކްތައް އަތުވެދާނެ ކަމުގެ އިންޒާރު ރަޝިއާގެ ތަޖުރިބާކާރުން ވަނީ ދީފަ އެވެ.
މިއީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.