އިސްލާހުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލެވޭނެ: އެމްޑީޕީ
އިސްލާހުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލެވޭނެ: އެމްޑީޕީ

ލާމަރުކަޒީ ނިޒާމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލްގެ ސަބަބުން އެ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށާއި އެހެންވެ ބިލް އަނބުރާ ނަގަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮލެހުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އެހެންވެ، އެ ބިލު ބަލައިނުގަނެ، އެ ބަދަލު ގެނައުމާ ދެކޮޅަށް ތެދުވަން ގޮވާލާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ، ވެރިކަން ކުރާ ރަށުގައި ޒަމާންތަކެއް ވަންދެން މަރުކަޒު ކޮށްފައި ހުރި ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައި، ރަށްރަށުގެ ކަންކަމަކީ އެ ރަށަކުން އިންތިހާބުކުރާ ކައުންސިލަރުން މެދުވެރިކޮށް ނިންމާ ކަންކަމުގެ ގޮތުގައި ކަނޑައެޅުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގައި ހޯދާފައިވާ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރަށްރަށުގެ އިހުތިސާސް ކަނޑައެޅި، އެ ރަށެއްގެ ވަށައިގެންވާ ގުދުރަތީ ވެށި ބޭނުންކޮށްގެން އާމްދަނީ އާއި މަންފާ ހޯދޭ ގޮތަށް، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވުމަށް އެޅުނު ހަރަދުނާ ފިޔަވަޅެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ނަމަވެސް، މި ސަރުކާރުން އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާއެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ގެއްލޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން ކުށްވެރިކުރާ ކަމަށެވެ. އަދި ރަށްރަށުގެ މައްޗަށް ބާރުފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރި އެވެ.

ލާމަރުޒަކީ ނިޒާމު ނެތިކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ އަޑުއުފުލުމަށް ހުރިހާ ކައުންސިލަރުންނާއި ރައްޔިތުން އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ އެ ގާނޫނުގައި ކަނޑައެޅުމެވެ. އަދި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދޭ މާލީ އެހީ މުރާޖައާ ކުރުމަކީ ވެސް އިސްލާހު ގެނައުމުގެ މަގުސަދެއް ކަމަށް ބިލްގައި ބުންޏެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުގައިވާ ގޮތުން ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ކައުންސިލަށް ލިބިދީފައިވީ ނަމަވެސް އެ ކައުންސިލެއްގެ ލޯކަލް އޮތޯރިޓީ ކުންފުނިން ވަކި ކަންކަމެއް ފުރިހަމަކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައިވާ ގޮތުން:

1- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.

2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.

3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.

އެ ބިލްގައި ދެން ހިމަނާފައިވާ އަނެއް މާއްދާއަކީ ކައުންސިލްތަކުގެ އުމުރު ހަމަވާން އޮތީ ގާނޫނުއަސާސީގައި ބުނާ ގޮތަށް 365 ދުވަސް ނުވަތަ އެ ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ނޫނީ ބައެއް ކަންކަން ނުކުރެވޭ ގޮތަށް ލިމިޓް ކުރުމެވެ.

އެއީ ބިލްގައިވާ ގޮތުން ނަމަ ކައުންސިލް އިދާރާ އަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި އެކި ފަރާތްތަކަށް ދިނުމެވެ.

މީހުން ދިރިއުޅޭ 187 ރަށަށް މިހާރު 900 އަށް ވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ.