އާރްޑީސީގެ ކުރީގެ ޑީއެމްޑީ އަސްބާހު އެޗްޑީސީއަށް
އާރްޑީސީގެ ކުރީގެ ޑީއެމްޑީ އަސްބާހު އެޗްޑީސީއަށް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފި އެވެ.

އެޗްޑީސީން މިއަދު ވަނީ އެ ކުންފުނީގެ ފަރާތުން އަސްބާހުއަށް މަރުހަބާ ކިޔާ ޕޯސްޓެއް ކޮށްފަ އެވެ. އާރުޑީސީގެ ޑީއެމްޑީގެ މަގާމަށް ޑިސެމްބަރު، 2023 ގައި އައްޔަން ކުރެއްވި އަސްބާހު އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އަސްބާހު އެޗްޑީސީއަށް މިއަދު ބަދަލު ކުރިއިރު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި އަލީ ޒުހައިރު މިދިޔަ ބުދަ ދުވަހު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފަ އެވެ. ނޮވެމްބަރު، 2023 ގައި އާރުޑީސީއަށް އައްޔަންކުރި ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކްގައި ހުންނެވުމަށްފަހު ރިޓަޔާ ކުރައްވާފައި ބޭފުޅެކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ރިޓަޔާ ކުރައްވަން ނިންމަވާފައި ވަނިކޮށް، މައުރޫފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން ބޯޑުން އެންގުމުން ކަމަށް އެނގިފައިވެ އެވެ.

ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.

ޒުހައިރުގެ ބަދަލުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަަށް ހަމަޖެއްސީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް ސަރުކާރުން ކުރިން އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ކުރިން އަދާ ކުރެއްވި އެވެ.