އޮރިޔާންކާޑު ހުރި ކަމަށް ބުނެ މީހަކަށް ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާ އަތުލައިފި
އޮރިޔާންކާޑު ހުރި ކަމަށް ބުނެ މީހަކަށް ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާ އަތުލައިފި

އޮރިޔާންކާޑު ހުރި ކަމަށް ބުނެ މީހަކަށް ބްލެކްމެއިލްކޮށްގެން އޭނާގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބްލެކްމެއިލްކޮށްގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މައްސަލަ ބަލަނީ ވަކިވަކިން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ، 32، އާއި މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް، 33، އެވެ.

ފުލުހުން ބުނީ ފަވާޒު ހައްޔަރުކުރީ ބްލެކްމެއިލްކޮށް، ބިރުދައްކައި، ފައިސާ ހޯދި މައްސަލަ އާއި މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. އަދި، ފައިނާޒް ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އޮރިޔާންކާޑު ހުރި ކަމަށް ބުނެ ދިވެހި ފިރިހެނަަކަށް، ފަވާޒު ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 19 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް، ވަރަށް ގިނަ ކަންކަން ބަލާފައިވެ އެވެ. ފަވާޒު ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނު ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.