03 އޯގަސްޓް 2025 - 11:38

މެންޗެސްޓާ ޔުނައިޓެޑުން މީގެ ދެ ސީޒަން ކުރިން ބޮޑު އަގުގައި ގަތް ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލުންޑް މި ޓްރާންސްފާ ބާޒާރުގައި ވިއްކާލަން އެ ކްލަބް އޮތީ ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ އެޓާލާންޓާގައި ވިދާލި ފޯވާޑް ޔުނައިޓެޑުން ގަތީ 2023 ގައި 73 މިލިއަން ޔޫރޯ އަށެވެ. ޔުނައިޓެޑުން ތިބީ ގެއްލުމުގައި ވިޔަސް، 34 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ތައްޔާރަށެވެ.
ހޮއިލުންޑް ވަނީ ޕްރީ ސީޒަން ޓުއާގައި އެމެރިކާގައި ބޯންމައުތު އަތުން 4-1 އިން ޔުނައިޓެޑް މިދިޔަ ހަފުތާގައި މޮޅުވި މެދުގައި ގޯލު ޖަހައިފަ އެވެ. އެ މެޗަށް ފަހު ނޫސްވެރިން ގާތު އޭނާ ބުނީ ބޭނުންވަނީ ޔުނައިޓެޑުގައި ދެމި ހުންނަން ކަމަށެވެ.
އެކަމަކު ޔުނައިޓެޑުން ބޭނުންވަނީ ސްލޮވީނިއާ ފޯވާޑް ބެންޖަމިން ސެސްކޯ ގެންނާށެވެ. އެކަން ކުރުމަށްޓަކައި ހޮއިލުންޑް ވިއްކާލަން ޖެހެ އެވެ.
ޔުނައިޓެޑުން އޭރު ހޮއިލުންޑް ގަތީ ކުރިމަގަށް ކުރާ އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. އިސްކޮޅުން ދިގު، ބިޔަ، ޓެކްނިކަލީ މޮޅު މި ފޯވާޑަކީ އޭރު ޔުނައިޓެޑުގެ ސްކައުޓުން ވަރަށް ބޮޑަށް ފާހަގަކުރި ކުޅުންތެރިއެކެވެ. އެކަމަކު ދެ ސީޒަނުގެ ތެރޭ އޭނާ އަށް ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އޭނާ އަށް ޖެހީ ދެ ސީޒަނުން 26 ގޯލެވެ.
ހޮއިލުންޑް ބަދަލުވާނެ ކަމަށް ބެލެވެނީ އެނބުރި އިޓާލިއަން ލީގަށެވެ. އޭސީ މިލާނާއި، އިންޓަ މިލާނުން އޭނާ އަށް ޝައުގުވެރިވާ ކަމަށްވެ އެވެ. މީގެ ތެރެއިން މިލާނުން އަންނަނީ ލޯން އުސޫލުން އޭނާ ގެންނަން ވިސްނަމުންނެވެ.