03 އޯގަސްޓް 2025 - 11:32

މުޅި ރާއްޖެއަށް ކުރިއަށް އޮތް ހަތަރު ދުވަހު ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
"މަޑުވާން ފަށާނެ ކަމަށް އަދި ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން،" މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްރަށަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
އެ އޮފީހުން ވަނީ މިއަދު ހެނދުނު 6:15 އިން މެންދުރު 12:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.