"ދަ ކެރެލާ ސްޓޯރީ"އަށް ގައުމީ އެވޯޑް ދޭތީ ސިޔާސީ މަސްރަހު ހޫނުވެއްޖެ
"ދަ ކެރެލާ ސްޓޯރީ"އަށް ގައުމީ އެވޯޑް ދޭތީ ސިޔާސީ މަސްރަހު ހޫނުވެއްޖެ

"ދަ ކެރެލާ ސްޓޯރީ"އަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑް ދޭތީ ސިޔާސީ މަސްރަހު ހޫނުވެއްޖެ އެވެ.

އިންޑިއާގެ ގައުމީ ފިލްމު އެވޯޑް މި އަހަރު ލިބޭ ފިލްމުތައް އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު އިއުލާންކުރި ގޮތުގައި ހިންދީ ފިލްމު "ދަ ކެރެލާ ސްޓޯރީ"އަށް އެންމެ މޮޅު ޑައިރެކްޝަނާއި އެންމެ މޮޅު ސިނެމަޓޯގްރެފީގެ އެވޯޑު ލިބެ އެވެ.

އެ ފިލްމު 2023 ވަނަ އަހަރު ރިލީޒްކުރުމާއެކު ކެރެލާ ސްޓޭޓުގެ ސަރުކާރުން އޭރު ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ދަ ކެރެލާ ސްޓޯރީ"އަށް ގައުމީ އެވޯޑު ދޭން ނިންމުމާއެކު ކެރެލާ ޗީފް މިނިސްޓަރު ޕިނާރައީ ވިޖްޔަން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ އިންޑިއާގެ ސިނަމާގެ އަގުވައްޓާލާ ވަރުގެ ކަމެކެވެ.

"ކެރެލާގެ އަގު ވެއްޓޭ ގޮތަށް، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން އަދި މީހުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ހަދާފައިވާ ފިލްމަކަށް މި ވަރުގެ އިއްޒަތެއް ދިނުމަކީ ގައުމީ ފިލްމު އެވޯޑުގެ ފަނޑިޔާރުން ކުރި ވަރަށް ދެރަވަރުގެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"ދަ ކެރެލާ ސްޓޯރީ"ގައި ކިޔައިދެނީ ހިންދޫ އަންހެނަކު ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ގެންގޮސް ސީރިއާއަށް ފޮނުވާލުމުން އައިސިސްއާ ގުޅެން މަޖުބޫރުވެ، އަނިޔާ ލިބޭ ވާހަކައެކެވެ.

ޗީފް މިނިސްޓަރުގެ ވާހަކަތަކަށް ފިލްމުގެ ޑައިރެކްޓަރު ސްޑުޕިޓޯ ސެން ވަނީ ރައްދު ދީފަ އެވެ.

ސްޑުޕިޓޯ ބުނީ ޗީފް މިނިސްޓަރު އެގޮތަށް ވިދާޅުވީ އެ ފިލްމު ނުބަލާތީ ކަމަށް ހީވާ ކަމަށާއި އެ ފިލްމު ބެލި ނަމަ އެހެން ވިދާޅުނުވާނެ ކަމަށެވެ. ޕިނާރައީ ޗީފް މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން މި ފިލްމުގައި ކިޔައިދޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ވިދާޅުވެ، ކެރަލާގައި އައިސިސްގެ ބާރާއި ނުފޫޒު އޮންނަ ކަމަށް އޭރު ވިދާޅުވެފައިވާ ކަމަށް ވެސް ސްޑުޕިޓޯ ބުންޏެވެ.

"އެކަމަކު މިހާރު އޭނާގެ ވާހަކަ ވެސް ބަދަލުވެއްޖެ، ކުރިން ދެއްކި ވާހަކަ އާއި މިހާރު ދައްކާ ވާހަކަ ދިމާނުވޭ،" ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސްޑުޕިޓޯ ބުންޏެވެ.

ގިނަ ބަައެއްގެ ފާޑުކިއުން އަމާޒުވި މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަސްކޮޅު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވެސް ހޯދި އެވެ. އެންމެ 15 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް 300 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.