03 އޯގަސްޓް 2025 - 10:49

މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަތް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.
އެ ދެ ގެއިން ތިންފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ 66.92 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އެ ދުވަހު 10 މީހުން ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ހަތް މީހުން ޝަރުތު ކުރުމަށް ފަހު ކޯޓުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރީ ކޯޓުން ބަންދުގެ މުއްދަތު ދިން މީހުންގެ އެކަންޏެވެ. އެއީ:
- އާއިޝަތު ފައިހާ ތޯހާ، 19، ފްލާވާހައުސް/ ހދ. ނޭކުރެންދޫ
- އަކްރަމް މުހައްމަދު، 28، ސާމިޔާނާ/ ނ. މަގޫދޫ
- އަހުމަދު ތައިސީރު، 27، ރޯޝަނީމާގެ/ ސ. ހުޅުދޫ
އޭގެ ތެރެއިން ފައިހާ އާއި އަކްރަމްގެ ބަންދަށް ފަސް ދުވަސް އަދި ތައިސީރުގެ ބަންދު ކުރަން އަމުރު ކޮށްފައި ވަނީ ހަތް ދުވަހަށެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، ޑްރަގާ ބެހޭ ގާނޫނު އިސްލާހުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާން ކުރައްވައިފަ އެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރާ މީހުންނަށް ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.