03 އޯގަސްޓް 2025 - 05:43

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގެ މައްސަލައިގައި، ސްލޮވީނިއާއިން އިޒްރޭލާ އެކު ހަތިޔާރުގެ ވިޔަފާރި މަނާކޮށް، އެގޮތަށް ނިންމި ޔޫރަޕްގެ ފުރަތަމަ ގައުމަށް ވެއްޖެ އެވެ.
ސްލޮވީނިއާ އަކީ ޣައްޒާގައި އިޒްރޭލުން ހަމަލާތައް ފެށި ފަހުން އެކަމާ ދެކޮޅަށް އާންމުކޮށް ވާހަކަ ދައްކަމުން އަންނަ ގައުމެކެވެ. އަދި ޣައްޒާގައި ހަމަލާތައް ހުއްޓުވުން އަވަސްކުރުމަށް ބާރުއެޅުމުގެ ގޮތުން މިިދިޔަ އަހަރު ސްލޮވީނިއާއިން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައި ވެސް ގެންފަ އެވެ.
"ސްލޮވީނިއާ އަކީ އިޒްރޭލު ހަތިޔާރު ގަތުމާއި ވިއްކުމާއި އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ޓްރާންސިޓްކުރުން މަނާކުރ ޔޫރަޕްގެ ފުރަތަމަ ގައުމު،" ސްލޮވީނިއާ ސަރުކާރުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސްލޮވީނިއާ އިން ޣައްޒާގެ މައްސަލައިގައި މި ފިޔަވަޅު އެޅީ ޔޫރަޕްގެ ގައުމުތަކުން އެކައްޗެއް ކިޔައިގެން މިކަމުގައި ވިޔަވަޅެއް އެޅޭނެ ގޮތެއް ނުފެނި ދެބަސްވުމުގެ ތެރޭގައި އޮންނާތީ ކަމަށެވެ.
ޣައްޒާގެ ގެއްލުން ބޮޑު ހަނގުރާމައިގައި، "ނިޒާމީ ގޮތެއްގައި އާންމުން އިންސާނީ އެހީން މަހުރޫމު ކުރުމުގެ ސަބަބުން" އެތައް ބަޔަކު ދަނީ މަރުވަމުން ކަމަށާއި އެހެންވެ މިއީ ޒިންމާދާރު ކޮންމެ ގައުމަކުން ވެސް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ސްލޮވީނިއާ އިން ބުންޏެވެ.
މިހާރު ކުރިއަށްދާ ހަމަލާތަކާ ހެދި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލަށް އަސްކަރީ ހަތިޔާރާއި ސާމާނު އެކްސްޕޯޓް ކުރުމުގެ އެއްވެސް ހުއްދައެއް ސަރުކާރުން ދީފައި ނުވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ސްލޮވޭނިއާ އިން ވަނީ އިޒްރޭލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރަކު އެ ގައުމަށް އެތެރެވުން ވެސް މަނާކޮށްފަ އެވެ. މިއީ ވެސް ޔޫރަޕްގެ އިއްތިހާދުގެ ގައުމަކުން އިޒްރޭލާ ގުޅޭ ގޮތުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމުން، އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންގެ މިސާލަށް ތަބާވެ، ސްލޮވޭނިއާގެ ޕާލަމެންޓުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމުގެ ގަރާރެއް ފާސްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. -- އޭއެފްޕީ