02 އޯގަސްޓް 2025 - 13:14

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށަށް ބަދަލުކޮށް، އަންނަ މަހުން ފެށިގެން މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ މަސްދޯނިފަހަރު ނޫން އެހެން އުޅަނދުތަކަށް އާންމު އުސޫލުން ފީއެއް ނަގާނެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކަށް އަބަދުވެސް ފީއެއް ނަގަ އެވެ. އެކަމަކު، ނޯތު ހާބަރު މަސްމާރުކޭޓާ ހަމައަށް ބޮޑުކުރި ނަމަވެސް މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށް އެމްޕީއެލުން މިއަދު ބުންޏެވެ.
"ފީ ނަގާނީ މިހާރު ވެސް ނޯތު ހާބަރުގައި ފީ ނަގަން ކަނޑައަޅާފައިވާ ރޭޓުތަކަށް،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިހާތަނަށް ވެސް އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. ނަމަވެސް، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދު އެއްކޮށް އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.
އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން މިދިޔަ މަހު ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްޕީއެލްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ އިން ފެށިގެން އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިދުމަތްތައް ދޭނީ ކަނޑައަޅާފައިވާ ޓެރިފްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަަމަކު އެއީ ފެން ވިއްކުން ފަދަ ހިދުމަތްތަކަށް ކުރިއެކޭ އެއްގޮތަށް ނަގަމުން އައި ޓެރިފް ކަމަށް ބުންޏެވެ.
މި ޚަބަރު ފުރަތަމަ ޝާއިއުކުރިއިރު މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، އަންނަ މަހުން ފެށިގެން މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ ހުރިހާ އުޅަނދުތަކުން ފީއެއް ނަގަން ފަށާނެ ކަމަށް ލިޔެވިފައި ވަނީ އެމްޕީއެލުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކަށް ބުރަވެ އެވެ.. ރަނގަޅު ގޮތަކީ މަސްދޯނިފަހަރު ފިޔަވައި އެހެން އުޅަނދުތަކުން ފީއެއް ދައްކަން ޖެހުން ކަމަށް އެމްޕީއެލުން ފަހުން ބުންޏެވެ.
މަސްދޯނިފަހަރަށް ދީފައިވާ އިސްތިސްނާގެ ވާހަކަ އެމްޕީއެލުން ސާފުކޮށް ބުނެފައި ނުވާތީ "މިހާރު" ގައި ފުރަތަމަ ލިޔުނީ އެ ޕޯސްޓުގައި ބުނާ ވާހަކަތަކެވެ.