01 އޯގަސްޓް 2025 - 21:20

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިންނެވެ.
ފުލުހުން ބުނީ، މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ތަހުގީގު ކުރިއަށްދާ މިންވަރަކުން އެކަމާ ގުޅޭ އެކި ފަރާތްތަކާ ސުވާލުކޮށް، އިތުރު މައުލޫމާތުތައް ހޯދަމުންދާނެ ކަމަށެވެ.
ޑްރޯން ޝޯގައި 1،000 އެއްހާ ޑްރޯން ބޭނުންކުރި ކަމަށްވެ އެވެ. އެ ޝޯ ކުރިއަށް ދަނިކޮށް، އޭގައި ބޭނުން ކުރި ބައެއް ޑްރޯންތައް ވަނީ ރަންވޭ އާއި އެއާޕޯޓުގެ އެކި ސަރަހައްދުތަކަށް ވެއްޓިފަ އެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ސިޓީ ސޯޝަލް މީޑިއާގައި އާންމުވިއިރު، އެ ސިޓީގައިވާ ގޮތުން އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ.
އެ ޑްރޯންތަކުން ރާއްޖޭގެ މިނިވަންކަމާއި ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކައިދޭ މަންޒަރުތައް ދައްކާލާފައިވެ އެވެ. އަދި ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވި އެންމެ ބޮޑު ހަވާ އެރުވުމުގެ ހަރަކާތް ބޭއްވި އެވެ.