01 އޯގަސްޓް 2025 - 19:30

އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ހާއްސަ ދުވުމެއް މިއަދު ހުޅުމާލޭގައި ބާއްވައިފި އެވެ.
"ރަން ރީނދޫ" ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި އެ ދުވުމުގެ ބޭނުމަކީ، އެ ޕާޓީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމެވެ.
އެމްޑީޕީން ބުނީ، ހުޅުމާލޭގައި އެ ހަރަކާތް މިއަދު ފެށި ނަމަވެސް އެ ހަރަކާތް ރަސްމީކޮށް ނިންމާލާނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ފަހު ކަމަށެވެ. އެ ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ހާއްސަ ދަންމަރަކާއެކު އެ ދުވުން ފެށިއިރު، އެމްޑީޕީން ބުނެފައިވަނީ، އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.
އެ ދުވުމުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ އަންހެން މެންބަރުން ވެސް ހިމެނޭހެން 300 އެއްހާ މީހުން ބައިވެރިވެފައިވެ އެވެ.
އެމްޑީޕީއަކީ 2003 ވަނަ އަހަރު ފެށުނު އިސްލާހީ ހަރަކާތަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ އެވެ. އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މީހުން މިހާރު އެބަތިއްބެވެ.