01 އޯގަސްޓް 2025 - 11:52

ސޯޝަލް މީޑިއާގައި އެކި ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ ގޮތުން ކޮންޓެންޓު ޕޯސްޓްކުރެވޭނީ އިޝްތިހާރު ކުރުމުގެ ހުއްދަ އޮވެގެން ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ މީޑިއާ ކައުންސިލުން ހަމަޖައްސައިފި އެވެ.
އިންސްޓަގްރާމާއި ޓިކްޓޮކާއި ޔޫޓިއުބްގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި އެއްވެސް ޕްލެޓްފޯމެއްގައި ހިލޭ އަދި ފައިސާ ނަގައިގެން ވިޔަސް ވިޔަފާރި އާއި ހިދުމަތްތައް ޕްރޮމޯޓްކުރާ ނަމަ "އެޑްވައިޓައިޒާ ޕާމިޓް" ނަގަން ޖެހޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
މި ގަވައިދުގައި ބުނާ ގޮތުން ފުލްޓައިމް އިންފްލުއެންސާއެއް ނުވަތަ ދޭތެރެއަކުން ކޮންޓެންޓެއް ޕޯސްޓްކުރާ މީހަކަށް ވިޔަސް މިކަމުގައި އިސްތިސްނާއެއް ނޯންނާނެ އެވެ. މާނަ އަކީ، އެކުވެރިއެއްގެ ކެފޭއެއް ފަދަ ތަނެއް ފޮލޯވަރުންނަށް ބުނެދޭން ހަދާ ކޮންޓެންޓަކަށް ވެސް ހުއްދަ ނަގަން ޖެހުމެވެ.
މީޑިއާ ކައުންސިލުން ބުނީ މިގޮތަށް ހަމަޖެއްސީ އާންމުންގެ މެދުގައި މިފަދަ ކަންކަމަށް އިތުބާރު އުފެއްދުމާއި ކޮލިޓީ ކޮންޓެންޓް އުފެއްދުމާއި މީހުންނަށް މި ފެންނަ ޕްރޮމޯޝަންތަކުގެ ހަގީގަތް އެނގޭނެ ގޮތެއް ހަދަން ކަމަށެވެ. އަދި މިއީ އޮޅުން އަރާ ގޮތަށް ޕްރޮމޯޝަންތައް ހިންގުން ކޮންޓްރޯލްކުރުމަކީ ވެސް މި ގަވައިދުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
ޔޫއޭއީގެ މީޑިއާ ކައުންސިލުން ބުނީ ފުރަތަމަ ތިން އަހަރު، މި ހުއްދައަށް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މި ގަވައިދާ އެއްގޮތަށް ހުއްދަ ހޯދަން ތިން މަސް ދުވަސް ވެސް ވަނީ ދީފަ އެވެ.