01 އޯގަސްޓް 2025 - 06:06

ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 1،500 އަށްވުރެ ގިނަ ގޭމަރުންނާ އެކު ފަށައިފި އެވެ.

އިއްޔެ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފެށި މި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި މުބާރާތުގައި ކުރިއަށް ދަނީ ފޯ-ގޭމް ފޯމެޓަށެވެ. މި މުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދާ ކުޅުންތެރިންނަށް ޖުމްލަ 170،000 ރުފިޔާގެ އަގުހުރި އިނާމު ދޭނެ އެވެ.

މި މުބާރާތާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓާ އޮފް ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަން، މިރްޝާން ހަސަން ވިދާޅުވީ ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް، ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ އިތުރުން ޒިންމާދާރުކަމާ އެކު ގޭމް ކުޅުމުގެ އާދަތައް އަށަގެންނުވޭނެ ކަމަށެވެ. އަދި އެ މުބާރާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.
ޑީއެމްޖީސީގެ މައިގަނޑު މުބާރާތްތަކުގެ އިތުރުން ރޭސިން ސިމިއުލޭޝަން ޒޯން، ވާޗުއަލް ރިއަލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ސްޓޭޝަންސް އަދި ބޯޑް ގޭމްސް ފަދަ ތަފާތު އެކްޓިވިޓީތައް ކުރިއަށް ދާނެ އެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާއިރު، ކާބޯތަކެއްޗާއި ގޭމިން އެކްސެސަރީޒް އަދި އެހެނިހެން ތަކެއްޗަށް ހާއްސަ ސްޓޯލްތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.
މި މުބާރާތަކީ ދިވެހި ރާއްޖޭގެ އީ-ސްޕޯޓްސް އަދި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގު ގޭމާސް ގިލްޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު ފާހަގަކޮށްލެވޭ އެއް ކާމިޔާބީގެ ގޮތުގައި ޑީޖީޖީއިން ފާހަގަކުރެ އެވެ.