31 ޖުލައި 2025 - 19:25

ހަ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކުރަން ހެލްތު މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. ތުރާކުނު، ހއ. ވަށަފަރު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫގެ ހެލްތު ސެންޓަރުގެ މަސައްކަތްތައް 23.5 މިލިއަން ރުފިޔާއަށް ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ.
ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާ އެވެ. އެ ތަނުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ގުދަނެއް ހަދަން ދިނީ 4.8 މިލިއަން ރުފިޔާއަށެވެ. އެއީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތުރާކުނުގެ ސިއްހީ މަރުކަޒުގެ އޮފީހާއި މީޓިން ހޯލާއި ޕަބްލިކް ހެލްތު އޮފީހާއި ސްޓޯރު އަދި ލޯންޑްރީ ޖާގަ އިތުރުކުރަން ދިނީ 180 ދުވަހެވެ. އެ މަސައްކަތް ހަވާލުކުރީ 3.4 މިލިއަން ރުފިޔާއަށެވެ.
މިނިސްޓްރީން ބުނީ ޅައިމަގުގައި ވެސް ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީއާ ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރަން ހަވާލުކުރީ އީކޮން މޯލްޑިވްސް ކުންފުންޏަށް ކަމަށެވެ. އެ ކުންފުންޏާ ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގަ އެވެ.
މަގޫދޫ އާއި ބިލެއްދޫ އަދި ދަރަނބޫދޫގެ ސިއްހީ މަރުކަޒުގައި ވޯޑަކާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރަން ދިނީ ސަމާލު ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ދަރަނބޫދޫ ފިޔަވައި އެ އިން ކޮންމެ ރަށެއްގައި މަސައްކަތްތައް ނިންމަން ދިނީ 180 ދުވަހެވެ. ދަރަނބޫދޫގެ މަސައްކަތްތައް ނިންމަން ދިނީ 4.8 މިލިއަން ރުފިޔާ އަށް 210 ދުވަހެވެ. މަގޫދޫގެ މަސައްކަތްތައް 4.8 މިލިއަން ރުފިޔާއަށް އަދި ބިލެއްދޫގެ މަސައްކަތްތައް 4.3 މިލިއަން ރުފިޔާއަށެވެ.