ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅައިފި
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއަށް އެ ރޭ ބޭނުންކުރި ޑްރޯންތައް މަތީގައި އުދުހެނިކޮށް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެމްއޭސީއެލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ތަހުގީގުކޮށްދޭން އެދި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ލީކުކޮށްލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޝަރީފު "މިހާރު" އަށް މިއަދު ވިދާޅުވީ ޑްރޯންތަކެއް ވެއްޓުމަކީ ތަހުގީގު ކުރަން ޖެހޭ ކަމަކަށް ވާތީ، އެކަން ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. ވެއްޓުނު ޑްރޯންގެ އަދަދެއް އަދި ސާފުނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެފަދަ ތަހުގީގެއް ކުރުމުގެ ގާބިލްކަން ހުރި ބައެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް ފޮނުވި ސިއްރު ސިޓީއެއް ލީކުވުމުން ވެސް ހިތާމަ ކުރައްވާ ކަމަށެވެ.

އެ ސިޓީގައި ބުނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯންތައް ބިން މައްޗަށް ވެއްޓި، ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ސިޓީގައި ވެ އެވެ.

ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން މި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

އެ ސިޓީގައި ބުނިގޮތުގައި، ޑްރޯންތައް ވެއްޓުމުގައި އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ސަބަބުތަކަކީ؛

• ރަސްމިއްޔާތުގެ ކުރިން ބޭއްވި ޑްރޯން ޝޯގެ ފުލް ރިހާސަލްގައި އެއްވެސް މައްސަލައެއް ދިމާނުވުން.

• ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި ރަސްމިއްޔާތުގެ ކަންކަމުގައި އެއާޕޯޓުގައި މަސައްކަތްކުރި އެހެނިހެން ޓެކްނިކަލް ފަރާތްތަކަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް ގެއްލުން ފަދަ މައްސަލަތައް ދިމާވުން.

• ޑްރޯން ޝޯ ނިމުނު ފަހުން ސިސްޓަމް ރީސެޓްކުރި އިރު، ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާނުވެ، ރަނގަޅަށް މަސައްކަތް ކޮށްފައިވާކަން ޑްރޯން ޝޯގެ އޮޕަރޭޓަރަށް ފާހަގަވުން.

"އެހެން ނަމަވެސް، މި ހާދިސާ ހިނގައިދިޔަ ގޮތް އެ ފަރާތްތަކަށް ވެސް އަދި މި ކުންފުންޏަށް ވެސް މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވެ އެވެ،" އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.

އެ ސިޓީގައި ބުނީ ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ލިބުނު ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށާއި އެމްއޭސީއެލުން ޒިންމާވާން ޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެތީ، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ފުލުހުންގެ ފަރާތުން އެދޭ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ޑްރޯން ޝޯއެއްގެ އިތުރުން މާލެ ސަރަހައްދުގެ 19 ތަނެއްގައި ވަނީ އެއް ވަގުތެއްގައި ހަވާއަރުވައިފަ އެވެ.