31 ޖުލައި 2025 - 12:22

އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލައި އަސްކޮއި ޓްރެވެލް ސާވިސް އިން އުމްރާއަށް ނުގެންދިޔަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދަން އަސްކޮއި ގްރޫޕުގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމުގެ ޝަކުވާތައް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އަސްކޮއިގެ ހަވާލުގައި މިދިޔަ ބުރާސްފަތި ދުވަހު އުމްރާއަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު ފަހު ވަގުތު ކެންސަލްކުރީ ސައުދީއަށް މި ވަގުތު ދަތުރުކުރުން ރައްކާތެރި ނޫން ކަމާއި ގަލްފުގެ އުފެދިފައިވާ ހަމަނުޖެހުން މައިތިރިވުމުން ދަތުރުކުރުން ބޭނުންވާ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން، އަސްކޮއިގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބެއް ނުދެ އެވެ. އަދި އެ ކުންފުންޏަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް ނުދެ އެވެ.
އެހެންވެ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އަސްކޮއި ކުންފުނިން އަމަލުކޮށްފައިވާތީ ފިޔަވަޅު އަޅަން ނިންމީ ކަމަށް، ބަޔާނުގައި ވެ އެވެ.
ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް އުފައްދައިފަ އެވެ.
އަސްކޮއި ގްރޫޕަށް ފަސް ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެއީ؛
1. އުމްރާއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުން
2. ޖޫރިމަނާކުރުން
3. ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން
4. އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުން
5. ޕޮލިހަށް މައްސަލަ ހުށަހެޅުން
މިއީ، އަސްކޮއި ގްރޫޕާ ގުޅޭގޮތުން މި އަހަރު ހުށަހެޅި ދެ ވަނަ މައްސަލަ އެވެ.
އެންމެ ފުރަތަމަ މައްސަލަ ފެންމަތިވީ މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ލަނޑު ދިނުމުންނެވެ.
މި ފަހުން އެކަން ދިމާވީ 28 މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިއުމުންނެވެ. އެއިން ކޮންމެ މީހަކު ވަނީ 25،500ރ. ދައްކައިފަ އެވެ. އެއީ 714،000ރ. އެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އެ ހިދުމަތް ދޭ ކުންފުނިތަކާ ދެކޮޅަށް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމަށެވެ.