31 ޖުލައި 2025 - 11:59

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި ހެދި އޮޓޮޕްސީ ރިޕޯޓުން ވެސް ދެއްކީ އޭނާ މަރުވީ ބޮލަށް ދީފައިވާ ޒަހަމްތަކުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އުމުރުން 65 އަހަރު ނަމަވެސް ޖާނު ވަރުގަދަކޮށް ހުންނަ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެ މީހުން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނީ އެ ކޮޓަރީގެ ފާހާނާ އަށް ނާޒިމާ ވަން ވަގުތު އެވެ.

އޭރު އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިތާކެއް ދީފައި ހުރުމުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ އެވެ. ނާޒިމާގެ އެދުމަށް އެ ވަގުތު އެ ތަނަށް ދިޔަ މާޅޮހުގެ މީހުން ބުނެފައިވާ ގޮތުގައި އަބްދުއްރަހުމާންގެ ބޮލަށް ދިން ހަމަލާގެ ސަބަބުން ކޮޓަރީގެ ފާރަށާއި ސީލިންއާ ހަމައަށް ގިނަ އަދަދަކަށް ލޭ ބުރައިގެން ގޮސްފައި ހުއްޓެވެ. ބޮލާއި ލޯ ފިޔަވައި އެހެން ތަނަކަށް ހަމަލަ ދީފައިވާ ކަމުގެ ނިޝާނެއް ނެތް ހަށިގަނޑުގައި އިރު މާޅޮހުގެ އެންމެން ވެސް ބުނަމުން އައީ އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް ހެދި އޮޓޮޕްސީއާ ހަވާލާދީ، ފުލުހުން މިއަދު ބުނީ އޭނާ މަރުވީ ބޮލަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

އަބްދުއްރަހްމާން ދިރިއުޅުނު މާހިޔާގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތިބޭތާ މަހެއް ވާން ކައިރިވެފައި ވާއިރު، މިހާތަަނަށް ވެސް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުން ކުރި އެއްވެސް އެއްޗެއް އަދި ޝައްކު ކުރެވޭ މީހަކު ވެސް ނުހޯދެ އެވެ.

އެންމެ ފަހުގެ މައުލޫމާތު މީޑީއާއާ ހިއްސާ ކުރަމުން ފުލުހުން މިއަދު ވެސް ބުނީ "އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ކަމަށެވެ.

އެކަމަކު، އެ ގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި، އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ފުލުހުން ޗެކްކުރި އެވެ.

އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓި ނަމަވެސް ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެ ފޯނު ވެސް ވަނީ ނާޒިމާއާ ހަވާލުކޮށްފަ އެވެ.
ނާޒިމާ ބުނެފައި ވަނީ އަބްދުއްރަހްމާންގެ ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާއަށް ފެނުނު ކަމަށެވެ.
އެ ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ ވެސް އެ ދެމަފިރިން އެކަންޏެވެ. އެ ދެމަފިރިންގެ ތިން ފިރިހެން ކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ނިމާލް ވެސް ހުރީ މާލޭގަ އެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ،އެއް ބަޔަކު ގަބޫލުކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސްމަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.