01 އޯގަސްޓް 2025 - 06:08

މިހާރު ހިނގަމުންދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ހަތަރު ހާހެއްހާ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ ޖުލައި މަހުގެ 19 އިން ފެށިގެން މިހާތަނަށް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި 3،790 މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ދަތުރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފަސް ފްލައިޓެއްގައި އެ ދުވަހު 784 މީހުން އުމްރާގެ އަޅުކަމަށް ދިޔަ އެވެ.
މިދިޔަ މަހުގެ 24 ގައި ފެށި ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީގައި އުމްރާއަށް ދާ އެންމެ ފަހު ގްރޫޕު ފުރާފައިވަނީ އިއްޔެ ހަވީރު އެވެ. އެ ދަތުރުގައި 202 މީހުން ވަނީ ސައުދިއާ އެއާލައިންގައި އެ ގައުމަށް ގޮސްފަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން ހިމެނޭހެން ދިވެހި ހައްޖުވެރިން އުމްރާއަށް ގެންގޮސްފައިވަނީ 27 ފްލައިޓެއްގަ އެވެ.
ސްކޫލު ޗުއްޓީތަކާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދާ މީހުން މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 6،000 އެއްހާ ދިވެހިން އުމްރާއަށް ގޮސްފައިވެ އެވެ.
އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000ރ. ނަގަ އެވެ. އެހެންވެ، ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުން ގިނަ އެވެ.