31 ޖުލައި 2025 - 10:21

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެ ކުންފުނި ހިންގުމުގައި ދެ ވަނައަށް އިސްކޮށް ހުންނެވި ފަޔާޒު މަންސޫރު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި ކުރިން ވެސް އުޅުއްވި ފަޔާޒު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. ނަމަވެސް، މައުރޫފު އިއްޔެ އިސްތިއުފާ ދެއްވި ފަހުން، ފަޔާޒު ވެސް ވަނީ އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.
ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. އެނގިފައިވާ ގޮތުގައި ފަޔާޒު އިސްތިއުފާ ދެއްވީ، މައުރޫފު ވެސް މަގާމުން ދުރަށް ވަޑައިގަތުމުންނެވެ.
ހިދުމަތުން އަންނަ މަހުގެ 18 ގައި ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނިކޮށް، ކުރީގެ މިނިސްޓަރު މައުރޫފު އިސްތިއުފާ ދެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހެއިރު ވަނީ ހަމަޖައްސައިފަ އެވެ.