31 ޖުލައި 2025 - 10:07

ބޮލީވުޑްގެ އެކްޓަރު/ޕްރޮޑިއުސަރު ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓެއިންމަންޓުން ގެނެސްދޭ އެކްޝަން ތުރިލާ ފިލްމަކަށް ސަނީ ޑިއޯލް ސޮއިކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެކްޝަންގެ ވަރުގަދަ މަންޒަރުތަަކަކާ އެކުގައި ގެނެސްދޭ އެ ފިލްމު ޑައިރެކްޓުކުރަނީ މީގެ ކުރިން ބައެއް ތަމަޅަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބާލާޖީ އެވެ. އަދި މި ފިލްމަކީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.
ބޮޑު ބަޖެޓަކުން ހަދާ އެ ފިލްމުގެ ޝޫޓިން މި އަހަރު ފަހުކޮޅު ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
މި ފިލްމާއެކު ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ އަދަދު ވަނީ މިހާރު ފަހަކަށް އަރައިފަ އެވެ.
ސަނީ މިހާރު އަންނަނީ "ބޯޑާ 2"ގެ މަސައްކަތްކުރަމުންނެވެ. މިހާރު ޝޫޓިން ނިންމާފައި އޮތް "ލާހޯރް، 1947" ކިޔާ ފިލްމެއް ވެސް އެބައޮތެވެ. މިހާތަނަށް އިންޑިއާގައި އުފައްދާ އެންމެ އަގުބޮޑު ފިލްމު "ރާމާޔަން"ގެ ދެ ބައިގައި ވެސް އޭނާ އުޅެ އެވެ. ސިދާތު ޕީ މަލްހޯތުރާ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމެއް ވެސް އޭނާއަށް ލިބިފައިވެ އެވެ. އަދި މި އަހަރު ނުކުތް ސަނީގެ ފިލްމު "ޖާޓް"ގެ ދެވަނަ ބައި ވެސް އަންނަ އަހަރު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
"ގަދަރު 2"އަށް ލިބުނު ބޮޑު ކާމިޔާބީއާއެކު ސަނީއަކީ މިހާރު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
ފަރްހާންގެ އެކްސަލް އެންޓަޓެއިންމަންޓަކީ "ގަލީ ބޯއި" އާއި "ޑޮން" އާއި "ޒިންދަގީ މިލޭގީ ދުބާރާ" އަދި "ދިލް ދަޅަކް ނޭ ދޯ" ކަހަލަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސްޓޫޑިއޯއެކެވެ.