30 ޖުލައި 2025 - 19:33

ޕެސިފިކް އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިތާ ގަޑިއިރުތަކެއް ފަހުން، ރަޝިއާގެ އިރުމަތީގައި އޮންނަ ކްލިއުޗެވްސްކޮއި އަލިފާން ފަރުބަދަ ގޮވައިފި ކަމަށް އެ ގައުމުގެ ޖިއޮފިޒިކަލް ސާވޭއިން ބުނެފި އެވެ.

"ކްލިއުޗެވްސްކޮއި ގޮވަން ފަށައިފި،" ފޮޓޯތަކާ އެކު ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ޖިއޮފިޒިކަލް ސާވޭއިން ބުނެފައިވެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ފަރުބަދަޔާ ދިމާލު މަތިން ގަދަ އޮރެންޖު ކުލައިގެ ހުޅުގަނޑު ފެންނަން ހުރެ އެވެ. ޖިއޮފިޒިކަލް ސާވޭއިން ބުނީ ފަރުބަދައިގެ ހުޅަނގު ފަރާތުން ދިޔާ އަލިފާން ވެސް ފައިބަމުންދާ ކަމަށެވެ. އަދި ބާރުގަދަ ގޮވުންތައް ވެސް ގޮވަމުންދާ ކަމަށް ބުންޏެވެ.
މިއީ ގާތްގަނޑަކަށް 181،000 މީހުން އުޅޭ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީއާ 280 މޭލު ދުރުގައި ހުންނަ ފަރުބަދައެކެވެ.
ބިންހެލުން އައި ސަރަހައްދުގައި ހުންނަ އަލިފާން ފަރުބަދަ ގޮވާފައި މި ވަނީ ރަޝިއާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާގެ އައްސޭރިފަށަށް 8.8 މެގްނިޓިއުޑްގައި އައި ބިންހެލުމަށް ފަހުގަ އެވެ. އެ ބިންހެލުމުގެ ސަބަބުން ޕެސިފިކް އައްސޭރިފަށުގެ އެކި ސަރަހައްދުތަކުން މީހުން ހުސްކޮށް ސުނާމީގެ އިންޒާރުތައް ދިން ނަމަވެސް ބޮޑު ގެއްލުމެއް ނުވެ މިހާރު ވަނީ ސުނާމީ އިންޒާރު އުވާލައިފަ އެވެ.
ރަޝިޔާ އާއި ޖަޕާނުގެ ބައެއް ހިސާބުތަކަށް ސުނާމީ އެރި ނަމަވެސް ލަފާކުރި ވަރުގެ ބޮޑު ސުނާމީއެއް ނާރަ އެވެ.
ރަޝިއާގެ ޖިއޮފިޒިކަލް ސާވޭއިން ދައުލަތުގެ ނިއުސް އެޖެންސީ އާރްއައިއޭ ނޮވޮސްޓީއަށް ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ކަނޑުގެ ލޮނުގަނޑުން 47 ކިލޯމީޓަރު (30 މޭލު) އަޑިންނެވެ. އުފެދުނު ޝޮކް ވޭވްތައް 300 ކިލޯމީޓަރު (200 މޭލު) ގެ ދުރުމިނަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ރަޝިޔާއިން އެންމެ ބޮޑަށް ސުނާމީގެ އަސަރުކުރި ސަރަހައްދުގެ މޭޔަރު އެލެގްޒެންޑާ އޮވްސްޔަންނިކޯވް ވިދާޅުވި ގޮތުގައި ހަތަރު މީޓަރު އުސްމިނުގައި އުފެދުނު ރާޅުތައް ގޮނޑުދޮށާ ގާތްގަނޑަކަށް 400 މީޓަރު (1،312 ފޫޓު) އެއްގަމަށް ވެސް އެރި އެވެ. ނަމަވެސް އެ އަވަށްތަކުގައި މީހުން އުޅޭ ހިސާބަކީ އުސް ބިންތައް ކަމަށް ވުމުން ގެއްލުން ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ސުނާމީގެ އިންޒާރު ކުރިން ލިބި، ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމާއި މުދާ ސަލާމަތްކުރުން ފަދަ ކަންކަމަށް އެކަށީގެންވާ ވަގުތު ވެސް ލިބުނެވެ.
ރަޝިޔާއިން ބުނީ ސުނާމީގައި އެއްވެސް މީހެއްގެ ފުރާނަ ނުގެއްލޭ ކަމަށާއި މިހާރު ވަނީ ސުނާމީގެ އިންޒާރު އުވާލާފައި ކަމަށެވެ.