30 ޖުލައި 2025 - 18:58

ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އަދި އާރުޑީސީއަށް އިބްރާހިމް ނަޒީމް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ދެ ކުންފުނީގެ ހިންގުމަށް މި ބަދަލު ގެނައިކަން އިއުލާންކޮށްފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިއަދު އިސްތިއުފާ ދެއްވުމުންނެވެ. ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕީސީބީން އެންގުމުން ކަން އެނގިފައިވެ އެވެ.
ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.
އާރުޑީސީއަށް އައްޔަންކުރެއްވި ނަޒީމް މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ނަޒީމް ފުރުއްވި އެވެ.
ނޮވެމްބަރު 29، 2023ގައި އާރުޑީސީއަށް އައްޔަނު ކުރެއްވި ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކް ފުރުއްވުމަށް ފަހު ރިޓަޔާ ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.