ރަތް ލިބާހުގައި ފަރާ މިފަހަރު ގެނެސްދިނީ ދިވެހި ރަހައެއް
ރަތް ލިބާހުގައި ފަރާ މިފަހަރު ގެނެސްދިނީ ދިވެހި ރަހައެއް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާނަށް ރާއްޖެ އަލެއް ނޫނެވެ؛ އެކަމަކު މިދިޔަ ބޮޑު އީދުގައި އޭނާ ރާއްޖެއަށް ކުރި ދަތުރު ވަރަށް ހާއްސަ އެވެ. ރިސޯޓުން ބޭރުވެ، މީހުން ދިރިއުޅޭ ރަށަކަށް ފުރަތަމަ ފަހަރަށް ގޮސް އެތައް މިލިއަން ފޮލޯވަރުންނަށް ގެނެސްދިނީ ދިވެހި ކުކުޅު ރިހަ އެވެ.

ރަތް ލިބާހުގައި ފަރާ މިފަހަރު ގެނެސްދިނީ ދިވެހި ރަހައެއް
ރަތް ލިބާހުގައި ފަރާ މިފަހަރު ގެނެސްދިނީ ދިވެހި ރަހައެއް

ޔޫޓިއުބްގައި މިއަދު އާއްމުކޮށްފައިވާ އޭނާގެ ކައްކާ ޝޯގެ އެޕިސޯޑު ނަގާފައި ވަނީ ކ. މާފުށީގަ އެވެ. އެ ޝޯ އިން މަޝްހޫރުވި އޭނާގެ ކައްކާ، ދިލިޕްއާ އެކު ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއި ދިވެހިން ކުލަގަދަކޮށް ފާހަގަކުރި އީދު އުފަލުގައި ބައިވެރިވި އެވެ.

ފަރާގެ ކައްކާ ޝޯއަކީ އިންޑިއާގެ ޔޫޓިއުބުގައި މިހާރު އެންމެ މަގުބޫލު އެއް ޝޯ އެވެ. އެ ޝޯގެ ޔޫޓިއުބް ވީޑިއޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. ހާއްސަކޮށް ދިލިޕްގެ ހުންނަ ސަކަ މިޒާޖަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ. އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް އެ ޝޯއަށް ގެސްޓުންގެ ގޮތުގައި ވެސް ދެ އެވެ.

ރާއްޖޭގައި އެޕިސޯޑެއް ޝޫޓްކުރީ، ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެންނެވެ.

މާފުށިން ފަރާ އަށް ހޫނު މަރުހަބާއަކާ އެކު ދިވެހިން ރިހަ ކައްކާ ގޮތް ކިޔައިދެ އެވެ. ހަވާދުގެ ބާވަތްތައް ހަނާކޮށް، ހުންޏާ އެކު ފުނޑައިގެން ކެއްކި އެ ރިހަ ވަރަށް މީރު ކަމަށް ފަރާ ބުންޏެވެ.

މާފުށީގެ އަންހެނުންތަކެއް އެ ރެސިޕީ ކިޔައިދިން އިރު އޭނާއާ ފަރިތަކޮށް ހިންދީ ބަހުން ވާހަކަ ދެއްކުންވީ ވަރަށް ޝައުގުވެރި ކަމަކަށެވެ. ހިންދީ ދަސްކުރީ ކިހިނެއްތޯ ފަރާ ސުވާލުކުރެ އެވެ. ހިންދީ ޑްރާމާތައް ބަލައިގެން ކަމަށް ބުނުމުން އޭނާގެ ފިލްމުތަކާ ބެހޭ ގޮތުން ވެސް އަހަ އެވެ.

ކުކުޅު ރިހައާ އެކު ފަރާގެ ޓީމަށް މާފުށިން ބޮޑު ކެއުމެއް ދޭ މަންޒަރުތައް ވެސް އެ އެޕިސޯޑުގައި ވަނީ ހިމަނައިފަ އެވެ.

ޝޯ ނިންމާލުމަށް ފަހު ފަރާގެ ޓީމު އެނބުރި ދަނީ ރިސޯޓަށެވެ. އޮޅުވެލި ރިސޯޓުގައި ފަރާ އާއި އޭނަގެ ކައްކާ ދިވެހި ހެދުމުގައި އީދު ފާހަގަކުރެ އެވެ. ފަރާ، ރަތް ކުލައިގެ ދިވެހި ލިބާހެއް ލައިގެން ހުރިއިރު ދިލިޕް ހުރީ ހުދު ޓީޝާޓަކާއި މުންޑު އަނދެގެންނެވެ.

ކޯޑި ނެގުމާއި ބޮޑު ބެރު ނެށުމުގައި ފަރާ އާއި ދިލިޕް ބައިވެރިވެ އެވެ.

އަބަދު ރިސޯޓަށް އައިސް ޗުއްޓީ ހޭދަކުރުމަށް ވުރެ، މީހުން ދިރިއުޅޭ ރަށަކުން ފަރާއަށް ލިބުނީ މާބޮޑު އުފަލެކެވެ.