ދިރާގު ކޯލޮކޭޝަން ހިދުމަތާ އެކު ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ފުޅާކޮށްފި
ދިރާގު ކޯލޮކޭޝަން ހިދުމަތާ އެކު ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ފުޅާކޮށްފި

ދިރާގުން އެންޓަޕްރައިސްތަކަށް ހާއްސަ ކޯލޮކޭޝަން ހިދުމަތާ އެކު، ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށްފި އެވެ.

މިއީ ތަފާތު ވިޔަފާރިތަކުގެ އައިޓީ ސިސްޓަމްތައް ރައްކާތެރިކަމާ އެކު، ހޯސްޓް ކުރުމަށް އިތުބާރު ހުރި، އަދި ސްކޭލަބަލް އިންފްރާސްޓްރަކްޗާއެއް ފޯރުކޮށްދިނުމަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތެކެވެ.

މި ހިދުމަތުގެ ތެރެއިން، ވިޔަފާރިތަކުން އަމިއްލަ ޑޭޓާ ސެންޓަރުތައް ގާއިމު ކުރުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި ހަމައެކަނި ދިރާގު ޓިއާ 4 ސެޓިފައިޑް ޑޭޓާ ސެންޓަރުން ހަރަދު ކުޑަ އަދި ފެންވަރު ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކުގެ ފިޒިކަލް އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި އައިޓީ މެއިންޓެނަންސް ފަދަ އޮޕަރޭޝަނަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޑޭޓާ ސެންޓަރަކީ އެކިއެކި ވިޔަފާރިތަކށް ރައްކާތެރިކަމާއި އިތުބާރާ އެކު، އެ ފަރާތްތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޑޭޓާ ސެންޓަރެއް ކަމަށް ދިރާގުން ބުންޏެވެ. އެ ޑޭޓާ ސެންޓަރުގައި ފުލް ރިޑަންޑަންޓް ޕަވާ އަދި ކޫލިން ސިސްޓަމްތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީ ހުރެ އެވެ. އަދި އެންމެ މަތީ ސަލާމަތީ މިންގަޑުތަކާއެކު މި ސެންޓަރު ދަނީ ސެޓިފައިޑް ތަޖުރިބާކާރުންގެ ޓީމަކުން 24 ގަޑިއިރު މޮނިޓަރކުރަމުންކަން ދިރާގުން ފާހަގަކުރެ އެވެ.

މި ހިދުމަތް ހިޔާރުކުރާ އެންޓަޕްރައިސްތަކަށް އެންމެ އެކަށީގެންވާ ހައްލުތައް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހު، ދިރާގުން އެ ވިޔަފާރިއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ސެޓްއަޕް އަދި މައިގްރޭޝަން ސަޕޯޓް ފޯރުކޮށްދޭނެ އެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކުރުމަށް އިތުބާރު ހުރި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.