30 ޖުލައި 2025 - 13:05

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހެދި އެއްބަސްވުން ބާތިލްކޮށް، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ވަނީ އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދަން ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އެމްޑީޕީން އައިލެންޑް އޭވިއޭޝަނާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ކުރިން ހެދީ ވެސް އެ ފައިސާ ނުދީގެން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.