30 ޖުލައި 2025 - 12:35

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.
ނަމަވެސް އެޗްޑީސީގެ އެމްޑީގެ މަގާމުން، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.
މައުރޫފް ރިޓަޔާ ކުރައްވަން ނިންމެވީ ސަރުކާރުގެ "އެޑްވައިޒަރީ" ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ކުއްލި ގޮތަކަށް އެންގި ސަބަބެއް އަދިއެއް ނޭނގެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި މައުރޫފް ވިދާޅުވެފައި ވަނީ އެޗްޑީސީގެ އެމްޑީގެ ހަވާލުވެވަޑައިގަތް އިރު ވެސް އެ ތަނުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެކަމަކު އެ ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހާސިލްކުރައްވަން ބޭނުންވި ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހެވެ. އެއީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.