30 ޖުލައި 2025 - 10:05

ރަޝިޔާ ކައިރިއަށް މިއަދު އައި ބާރުގަދަ ބިން ހެލުމާ އެކު ރަޝިޔާގެ ބައެއް ހިސާބުތަކާއި ޖަޕާނަށް ސުނާމީ އަރައި ޕެސިފިކް ކަނޑުގެ ރަށްތަކަށް ސުނާމީގެ އިންޒާރު ދީފައި ވިޔަސް އިންޑިއާ ކަނޑަށް އެކަމުގެ ބިރެއް ނެތް ކަމަށް އިންޑިއަން ނެޝަނަލް ސެންޓަ ފޯ އޯޝަން އިންފޮމޭޝަން ސާވިސް (އިންކޮއިސް) އިން ބުނެފި އެވެ.
ރަޝިޔާގެ ގައުމުގެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރަށް އައި 8.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަށް ފަހު، ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރައި ގެއްލުންވަމުން ދާއިރު އެމެރިކާގެ ހަވާއީގެ އިތުރުން ޕެސިފިކްގެ އެހެން ބައެއް ރަށްތައް ވެސް ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.
ރާއްޖޭގެ މެޓު އޮފީހުގެ މީޑިއާ އޮފިޝަލަކު ވެސް ވިދާޅުވީ ބިން ހެލުމުގެ އަސަރު ރާއްޖެ އަށް އެއްވެސް ގޮތަކުން ނުކުރާނެ ކަމަށެވެ.
އިންޑިއާގެ އިންކޮއިސް އިން ބުނީ އިންޑިއާ އަށް އަދި އިންޑިއާ ކަނޑަށް ވެސް ސުނާމީގެ އަސަރެއް ނުކުރާނެ ކަމަށެވެ.
"މި ބިންހެލުމާ ގުޅިގެން އިންޑިއާ އަށާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީގެ ނުރައްކަލެއް ނެތް،" އިންކޮއިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އިންކޮއިސް އިން ބުނީ ރަޝިޔާ ކައިރިއަށް އައި ބިންހެލުން އެ އިދާރާއަށް ވެސް ރެކޯޑްކުރެވިފައިވާ ކަމަށާއި އެއީ އިންޑިއާ ގަޑިން ފަތިހު 4:54 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިޔާ ކައިރިއަށް އައި ބިންހެލުމަކީ 1952 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް، ބިންހެލުން ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވެ އެވެ. އަދި މިއީ މި ފަހުން މުޅި ދުނިޔެއަށް ވެސް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.