އުނިކުރި ކަމަށް ބުނަނީ އެއްބަސްވުމުގައި ހިމަނާފައި ނެތް މަސައްކަތްތަކެއް: އެމްޑީޕީ
އުނިކުރި ކަމަށް ބުނަނީ އެއްބަސްވުމުގައި ހިމަނާފައި ނެތް މަސައްކަތްތަކެއް: އެމްޑީޕީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގައި މިހާރު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަނުން ބުނާ ވާހަކަތައް އިދިކޮޅު އެމްޑީޕީން ރޭ ދޮގުކޮށްފި އެވެ.

ގެދޮރުވެރިޔާގެ މަޝްރޫއު އަދި ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ މަޝްރޫއު ފެށިއިރު ސަރުކާރު ހިންގަމުން އައި އެމްޑީޕީން ނެރުނު ބަޔާނެއްގައި އެހެން ބުނީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ވާހަކަތަކަކާ ގުޅިގެންނެވެ.

ހަމްދާން ވިދާޅުވީ ގެދޮރުވެރިޔާ މަޝްރޫއުގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް އިބޫގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ ކަމަށެވެ.

އެކަމަކު، އެ ވާހަކަތައް ދޮގުކޮށް އެމްޑީޕީން ބުނީ، އެއީ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ނިންމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އެ ޕާޓީން ބުނިގޮތުގައި އެއްބަސްވުމުން ކަމެއް އުނިކުރެވޭނީ އެ ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާ ނަމަ ކަމަށެވެ.

"އެހެންކަމުން ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން މަސައްކަތްތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އެ ވާހަކަތައް ފަތުރަމުންދަނީ އެ ފްލެޓުތައް މީހުންނާ ހަވާލު ކުރަން ފެށުނުއިރު ވެސް މި ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން ދެންނެވުނު މަސައްކަތްތައް ނުކުރެވި ހުރުމުން އެކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށް މި ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އިތުރަށް ތަފުސީލް ދެމުން އެމްޑީޕީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ އިމާރާތް ކަމަށްވާ 4،000 ފްލެޓުގެ މަޝްރޫއު ހިންގާފައި ވަނީ އެފްޑީސީ މެދުވެރިކޮށް ކަމަށެވެ. އެއީ 32 ޓަވަރުގައި ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓު ކަމަށް ބުންޏެވެ. އިންޑިއާގެ ދެ ކޮންޓްރެކްޓަރަކާ އެ މަޝްރޫއު ހަވާލު ކޮށްފައިވާއިރު، ފައިސާ ހަމަޖައްސާފައި ވަނީ އެ ގައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި، އެ އިމާރާތްތަކުގައި ފެނާއި ކަރަންޓާއި ފޯނު ލައިނާއި ޓީވީ ކޭބަލް އަދި އިންޓަނެޓް ކޭބަލް ފަދަ ހިދުމަތްތައް ގާއިމް ކުރުމަށް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ވެސް ނިންމާފައި ވާނީ އިމާރާތުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ނިންމުމުން ސަރުކާރާއި އެފްޑީސީންނެވެ.

"މި ގޮތުން އެ ކަންކަން ކުރުމަށް ތައްޔާރުވުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން އެކިއެކި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، އެކަން ކުރާނެ ގޮތް ރާވައި، އެކަން ކުރާނެ ފަރާތްތައް ވެސް ވާނީ ކަނޑައަޅައިފަ އެވެ. އަދި އެ ކަންކަމަށް ކުރަންޖެހޭ އެންމެހައި ހަރަދުތައް ސަރުކާރުން ކުރުމަށް ވާނީ ނިންމައިފަ އެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ މަސައްކަތްތަކާ ގުޅޭ ގޮތުން އެފްޑީސީގެ އެމްޑީ ހަމްދާން މީގެ ދެ ދުވަސް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ފްލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތް ވެފައިވާ ކަމަށެވެ. ބާކީ މިހާރު ހުރީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)ގެ މަސައްކަތްތައް ކަމަށާއި މިހާރު އެ ފްލެޓްތަކުގައި ކުރަނީ އިބޫގެ ސަރުކާރުން ނުކުރަން ނިންމި ކަންކަން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.

1. ބިލްޑިން ސައިނޭޖް

2. ސީސީޓީވީ ނެޓްވޯކް

3. ގާބޭޖް ޝޫޓް

4. ބޫމް ގޭޓް

5. ލޭންޑްސްކޭޕިން

6. ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން

7. އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން

8. އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން

9. ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް

10. ޝަފްޓް ޑޯ

11. އެކްސްޓާނަލް ގޭޓްސް

12. އިންޓަނެޓް އެންޑް މީޑިއާނެޓް

ހަމްދާން ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން ރާވާފައިވާ ގޮތުން ފެން، ކަރަންޓު އަދި އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ވެސް ކުރީގެ ސަރުކާރުން ރާވައިފައެއް ނެތެވެ.

"އަލްހަމްދުﷲ މިހާރު އެ މަސައްކަތްތައް ދަނީ މި ސަރުކާރުގައި ފަށައި، ބާރު ސްޕީޑުގައި ކުރެވެމުން،" ހަމްދާން ވިދާޅުވި އެވެ.