30 ޖުލައި 2025 - 07:58

ރަޝިޔާ ކައިރިއަށް 8.7 މެގްނިޓިއުޑްގައި އައި ބިންހެލުމަށް ފަހު ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަން ފަށައިފި އެވެ.
ޖަޕާނުގެ އެންޗްކޭ އިން ބުނީ ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށް އައި ބިންހެލުމަށް ފަހު ޖަޕާނަށް އައި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ކަމަށެވެ.
މި ރާޅުތައް އެރީ އުތުރުގެ މައި ރަށެއް ކަމަށްވާ ހޮކައިޑޯއަށެވެ. ނަމަވެސް އެންއެޗްކޭއިން ބުނީ ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި ޖަޕާނުގެ އުތުރާއި އިރުމަތީގެ މުޅި އައްސޭރިފަށަށް ތިން މީޓަރު އުސްމިނުގައި ރާޅު އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ދެކުނުން އޮސާކާ ކައިރީގައި ވާކަޔާމާއާ ހަމައަށް ރާޅު އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ރަޝިއާގެ އިރުމަތީ އައްސޭރިފަށަށް ވެސް ސުނާމީ އަރައި، ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށް ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"ސުނާމީގައި، ބަނދަރުމަތީ އަވަށެއް ކަމަށްވާ ސެވެރޯ-ކުރިލްސްކްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ... މިހާރު ވަނީ އެތަނުން މީހުން ހުސްކޮށްފައި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރަޝިއާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ރަށުގެ އިމާރާތްތައް ވަނީ ފެނުން އަޑީގަ އެވެ.
މިއަދު އައި ބިންހެލުމަކީ 1952 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް، ބިންހެލުން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
އެމެރިކާގެ ހަވާއީ ސްޓޭޓަށް ވެސް ސުނާމީ އަރާނެ ކަމަށް ބެލެވޭތީ އެތަނުގައި ވަނީ ވަނީ ކުއްލި ހާލަތު އިއުލާނުކޮށް ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ފަށައިފަ އެވެ.