30 ޖުލައި 2025 - 07:08

(އާދިއްތަ ދުވަހާ ގުޅޭ)
އެ ކަން ކުރީ އެންމެ ހީނުކުރާ މީހާއެވެ. ސިހުރު ހެދުމުގެ ނުބައިކަމާއި ސިހުރުވެރިޔާއަށް ލިބޭނެ ގަދަފަދަ އަޒާބު އެނގޭނެ ކަމަށް އަހަރެން އެންމެ އުންމީދުކުރި އެކަކު ކަމުގައިވާ ސަލީމެވެ. އެއީ، އަހަރެން އެންމެ ގިނައިން ހުކުރު ކުރަން ދާ މިސްކިތުގެ މުދިމެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެތައް އިރަކު އަހަންނަށް ހުރެވުނެވެ. ސިހުރުވެރިއަކު އިމާމުވެ ނަމާދު ކުރަނީ ކީއްކުރަން ހެއްޔެވެ؟ މުދިމެއްގެ ވަޒީފާ އަދާކުރަނީ ކީއްވެ ހެއްޔެވެ؟
އޭނައަކީ އަހަރެންގެ ގާތް އެކުވެރިއެކެވެ. ކިތަންމެ ފަހަރަކު އޭނަގެ އަތްމަތިދަތިވެގެން އަހަރެން އޭނައަށް އެހީވީމެވެ. އާއިލީ ކަންކަމުގައި އޭނަ ބޯ ހާސްވެގެން އުޅޭ އިރު، ރަނގަޅު ނަސޭހަތްދީފައި ހުންނާނެއެވެ. އަހަރެން އެ ގެއަށް ދަމެވެ. އަހަރެންގެ އާއިލާއެކޭ އެއްފަދައިން އޭނަގެ އާއިލާއަށް ހެޔޮކޮށްހިތަމެވެ. އަހަރެން ދެކެ ސަލީމު ރުޅި އަންނަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.
ގެއަށް ގޮސް، ފިކުރުގެ ފުން ކަނޑެއްގައި އޮޔާދާން ދޫކޮށްލައިގެން، އަހަރެން އޮތީމެވެ. އަންހެނުން ކާން ގޮވުމުން ވެސް އަހަންނަށް އޮވެވުނީއެވެ. އަންހެނުން ވަރަށް ގިނައިން ބުނެއެވެ. ސަލީމަކީ ރަނގަޅު މީހެއް ނޫނެވެ. އޭނަޔާ މާ ގުޅިގެން ނޫޅޭށެވެ. އަހަރެންގެ މޮޔަކަމުން އެ ކަން ގަބޫލު ނުކުރީއެވެ. ބޭރުފުށުން ސަލީމަކީ ވަރަށް އޯގާތެރި، ހިތްހެޔޮ މީހެކެވެ. ﷲ އަށް ބިރުވެތިވާ، ދީނީ ކަންކަމަށް ސަމާލުކަންދޭ މީހެކެވެ. އެ ހުރިހައި ދަޅައެއް އޭނަ ދެއްކީ އަހަރެންގެ އިތުބާރު ހޯދަން ހެއްޔެވެ؟ އޭނަޔާ މެދު ޝައްކުވިޔަ ނުދޭން ހެއްޔެވެ؟
"އޭތް!" އަންހެނުން އެނދުގައި އިށީނދެލަމުން އެހިއެވެ. "މާ ބޮޑަށް ބޮލުގަ ރިއްސަނީތަ؟ ހާދަ ވަރަކަށް ގޮވައިފީމޭ!"
"ސަލީމުއާ އެހާ ގުޅިގެން ނޫޅޭށޭ ބުނަނީ ކީއްވެ؟" އަހަރެން އެހީމެވެ.
އަންހެނުން ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. ހީވަނީ ވަރަށް ގިނަ އެއްޗެހިތަކެއް އޭނަ ކިޔައިދޭން ބޭނުންވާ ހެންނެވެ.
"އާދޭ ކާން!" އަންހެނުން ތެދުވަމުން ބުންޏެވެ. "ހިހޫވެދާނެ."
"އެނގޭތަ އަހަރެންގެ ބޮލުގަ ރިއްސީ ކީއްވެކަން؟" އަހަރެން އެހެން ބުނުމުން އަންހެނުން ހުއްޓިފައި ބަލައިލިއެވެ. "ސަލީމު އަހަންނަށް ސިހުރުހަދާފަ ހުރީ. އަހަރެން އެ ކަން ބަލައިފިން."
"ކޮބާ ހީވޭ!" އަންހެނުން ބުންޏެވެ. "އަހަރެން ހައިރާނެއް ނުވޭ! އޭނަ ކޮށްފާނެ. ދެން ވެސް އޭނަޔާ ދުރުގަ ހުރޭ! އާދޭ ކާން."
ކާން ތިބެގެން ވެސް އަހަރުމެން އެ ވާހަކަ ދެއްކީމެވެ. އެންމެ ސުވާލެއްގެ ޖަވާބު ލިބެނިކޮށް އަހަންނަށް ފުދޭނެއެވެ.
"އޭނަ އެ ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަން،" އަހަރެން ބުނީމެވެ. "ބަންގި ގޮވާތާ ކިތައް އަހަރު މި ވީ؟ ރޭ އަޅުކަން ކުރާނެ. ދީނާ ބެހޭ މައުލޫމާތު އެނގޭނެ. އެނގޭތަ؟ ސިހުރުގެ ނުބައިކަމާ އެ ހުރިހާ ވާހަކައެއް ވެސް އޭނަ ދައްކައޭ! ދައްކާފަ އަހަންނަށް ސިހުރު އެ ހެދީ. އެއީ ކީއްވެގެން އޭނަ ކުރި ކަމެއްބާ؟"
"ހަސަދަވެރިކަން،" ވަރަށް ފޫހިވެފައި އަންހެނުން ބުންޏެވެ. "އެހެން އެއްވެސް ކަމެއް ނޫން. ތީ ނުލާހިކު އަޑު ރީތި، ދިވެއްސަށް ފަރިތަ، ނޭވާ ދިގު މީހެއް. ތި އަޑުއަހާލަން ވިލިނގިލިންނާ، ހުޅުމާލެއިން މާލެއަށް މީހުން އެބަ އާދޭ! ހިތަށްއަރާ ކަރުގަ ހިފާފާނަމޭ! އެއީ ހަމަ އޭނަ ބުނި ގޮތް. މައިކަށް ވެސް އޭނަ ހުންނަނީ އެގޮތް މިގޮތް ހަދާފަ."
"ތީ ހަމަ ތެދެއް،" އަހަރެން ބުނީމެވެ. "އަހަރެން ހުތުބާ ކިޔާ އިރު، ދުނިޔޭގަ ލެއްވިހާ އަޑެއް އެ އަށް އަރާ! އިރުއިރުކޮޅާ އަޑު ފަޅައިގެންދޭ! އޭނަ ކުރާ ކަމެއް ދޯ އެއީ؟ ކީއްވެ ކުރިން ނުބުނީ؟"
"ބުނި ނަމަ ގަބޫލު ކުރާނެ؟" އަންހެނުން އެހިއެވެ. "ނުކުރާނެ. ސަލީމާ ބެހޭ ގޮތުން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރަމެއްނު! ކީކޭ ބުނީ؟ އިމާމުންނަށް ޝައްކު ނުކުރާށޭ! ނިމުނު އިރު ސިހުރު ހަދާމީހަކަށް މި ވީ. އަހަރެން ނަމަ ޕޮލިހަށް ވެސް އަންގާނަން."
އެ މީހަކު ކުރި ކަމެއް އެ މީހަކަށެވެ. އަހަރެން ހިތަށް އެރީ އެހެންނެވެ. ސަލީމަށް ބޮޑު ހުކުމެއް އަތުވެއްޖެ ނަމަ އޭނަގެ އަނބިދަރިންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ގިނަ އިރު ވަންދެން އަހަރެން ވިސްނީމެވެ. ހުނަރަކީ ދަސްކުރެވޭ އެއްޗެކެވެ. މަސައްކަތް ކުރީމައި، އަހަރެން ހުރި ހިސާބަށް ސަލީމަށް ވެސް އާދެވޭނެއެވެ. އަހަންނަށް ސިހުރު ހެދުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ އަހަންނަށް ރުގުޔާ ކޮށްދިން މޫސަޔާ އެ ވާހަކަ ދެއްކީމެވެ.
"ކަލޭގެ ދަރި ކިޔެވުމަށް މޮޅުވެފަ، އަހަރެންގެ ދަރި ދެރަވީމަ ކީއް ކުރަނީ؟" މޫސަ ބުންޏެވެ. "އަހަރެންގެ ދަރިއަށް ކިޔަވައި ދެނީ؟ ނޫން! ކަލޭގެ ދަރިއަށް ސިހުރު ހަދާނީ. ނޫންތަ؟ އަހަރެން ހައިރާނެއް ނުވޭ! ގޯތިން ބޮޑު ބައި ހޯދަން ވާރިސުންނަށް ސިހުރު ހަދާ، ވިޔަފާރި ރަނގަޅު ކުރަން ސިހުރު ހަދާ، މީހުނާ ހިތާވާން، މީހުން ވަރި ކުރުވަން، މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ގޭގޭގަ އެބަ ހުރޭ ފަންޑިތަ ލިޔެފަ، ބޮޑު ލޯގަނޑަކަށް ލާފަ، އެންމެނަށް ފެންނަ ގޮތަށް ފާރުގަ އަޅުވާފަ. އޭގަ ހުރީ ކޯޗެއް ކަމެއް، ކާކު ދިން އެއްޗެއް ކަމެއް ވެސް ނޭނގޭ! އޭތި ހުރީމަ ބަރަކާތް އިތުރުވާނޯ! އެއީ ވަރަށް ރަނގަޅު އެއްޗެކޯ! އެކަމަކު ގޭގެ އެންމެން އެކަކު އަނެކަކާ ޖެހިފަ. ގޭގަ އުޅޭ އެންމެންގެ ކައިވެނިތައް ރޫޅިފަ. ވަޒީފާއެއްގައެއް ނޫޅެވޭ! ކައިވެންޏަށް ދަރިއަކު ލިބުނިއްޔާ، ފުރާވަރަށް ނާޅަނީސް އެ ކުއްޖާ ކޮންމެވެސް ޑިޕްރެޝަނެއްގަ. ކިޔެވިޔަސް ކިޔެވި އެއްޗެއްގެ ބޭނުމެއް ނުހިފޭ!"
މޫސަ އެހެން ބުނީމައި އަހަރެން ވެސް ބަލި ހަނދާނެއް ވިއެވެ. އަހަރެންގެ ގޭގައި ވެސް ޒާތެއްގެ ކުރެހުމެއް ލޯގަނޑަކަށް ލާފައި ހުރެއެވެ. އެއީ ބައްޕަ ޒަމާނުއްސުރެ ހުންނަ އެއްޗެކެވެ. ކޯޗެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ މަންމަ އާއި ބައްޕަ އުޅެނީ ކޮންމެވެސް ބައްޔެއްގައެވެ. ޑަކުޓަރަށް ދައްކައެވެ. ބޭރަށް ވެސް ދެއެވެ. ދުވަހަކު ރަނގަޅެއް ނުވެއެވެ. އެންމެ ފަހުން އެ މީހުން ނިޔާވުމުން، ފަހަރަކު މީހަކު އެ ގެއިން ނުކުންނަމުން ގޮސް ހުރިހައި ދަރިން ނުކުމެ ގެ ފަޅުވީއެވެ. އެކަކު ވެސް އެ ގޭގައި އުޅޭ ހިތެއް ނުވިއެވެ.
އަހަރެން ކުއްޔަށް އުޅޭ އެއްވެސް ތަނެއްްގައި ހަމަޖެހިލައިގެން އުޅެވޭ ވަރެއް ނުވެއެވެ. އެގުރީމަންޓުގެ މުއްދަތު ހަމަނުވަނީސް އޮންނަނީ ނުކުންނަން ޖެހިފައެވެ. ގޭގެ ވެރިފަރާތުން ނުކުންނަން އަންގާނެއެވެ. ނުވަތަ ގޭގެ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އަހަރެން ނުކުންނާނެއެވެ. އަހަރެން މީހަކާ އިނީ އުމުރުން އެކާވީސް އަހަރުގައެވެ. ދަރިއަކު ނުލިބެއެވެ. އާއިލާގެ އެހެން މީހުންނަށް ދަރިން ލިބުނެވެ. އެއްވެސް ކުއްޖަކީ ހަރުދަނާ ކުއްޖަކަށް ނުވިއެވެ. ބައެއް ކުދިން ކިޔެވިއެވެ. އަނެއްބައި ކުދިން ޖީސީއާ ހިސާބުން ކިޔެވުން ހުއްޓައިލަނީއެވެ. އެކަކު ވެސް ވަޒީފާއެއްގައި ހަރެއް ނުލައެވެ. އެކަކަށް މައިންބަފައިންގެ ބަހެއް ނުވިކެއެވެ.
ކަމެއްގެ ހަގީގަތް އެނގުމުން، ކުރިން ފާހަގަނުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވެން ފަށައެވެ. އެއް ތިއްކާއި އަނެއް ތިކި ގުޅުވައިލެވެއެވެ. ކުރިން އަހަރެން ހުތުބާކިޔަން މައިކު ކައިރީގައި ހުއްޓޭ އިރަށް ފާޑެއްގެ އަޑުތަކެއް އަރައެވެ. ކޮންމެ ފަހަރަކު ވެސް އެހެން ވެއެވެ. މިސްކިތުގެ މަސައްކަތު މީހެއް ކައިރީގައި އަހަންނަށް ބުނެވެން ވެސް ބުނެވުނެވެ. މައިކަށް މި ހުންނަނީ ކިހިނެއް ވެފައި ހެއްޔެވެ؟ އަހަރެން ކިރިޔާ އެއްޗެއް ބުނެލިޔަސް އަޑު ހުންނަނީ ފެޅިފައެވެ.
"އެހެނެއްނު ވާނީ!" މަސައްކަތުމީހާ ބުންޏެވެ. "ކަލޭ ހުތުބާ ކިޔާ ކޮންމެ ދުވަހު މުދިމު އައިސް މައިކާ ކުޅެ، އެގޮތް މިގޮތް ހަދާފަ ހުންނާނީ. އަހަރެން އެ ކުޅިވަރު ދެކެމޭ! ކަލޭ ދެކެ އޭނަ ވަރަށް ރުޅި އަންނާނެ. އެކަމަކު ފިސާރި ގުޅާލައިގެން އުޅޭނީ. ވަރަށް ދެފުށް ދެގޮތް މީހެއް އެއީ."
އެ ހަނދާންވުމުން އަހަރެން އަލުން މަސައްކަތު މީހާއާ ބައްދަލުކުރީމެވެ. އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނަ ވާހަކަ ދައްކަން ފެށިއެވެ.
"ކަލޭ ވިސްނައިގެން އުޅޭތި!" އޭނަ ބުންޏެވެ. "ކަލޭ ކަރުކެހެން ފެށީމަ، މި އުޅޭ ސަލީމު ގެނެއެއްނު ފެންފުޅިއެއް. އެ ނުބޮއިބަލަ! އެ އަށް ގޮތެއް ހަދާފަ އޭނަ ހުންނަނީ."
އަނެއްކާ ވެސް ބަލި ހަނދާނެއް ވިއެވެ. އަހަންނަށް ފެންފުޅި ދިނުމުގެ ކުރިން ސަލީމު ފެންފުޅި ކަނޑައިލައެވެ. ނުވަތަ ކަނޑައިލާކަމަށް ހެދެއެވެ. އަހަރެން ހީކުރަނީ އަހަންނަށް ފަސޭހަ ކޮށްދޭން ވެގެން ކުރާ ކަމެއް ކަމަށެވެ. ސަލީމުގެ ގެއަށް އަހަރެން ކާން ގެންދާ އިރު އޭނަ ކުރާ ކަމެއް ވެސް ކުއްލިއަކަށް ހަނދާންވިއެވެ. މޭޒުމަތީގައި ފެން ހުއްޓަސް އަހަންނަށް ފެންތަށި އަޅާނީ ސަލީމެވެ. ދުފާއެއްޗެހި ހުއްޓަސް، އަހަރެން ދުފަން ގެންނަނީ ވަކީންނެވެ. އެއަކުން ސަލީމު ނުދުފާނެއެވެ. އަހަރެން ހީކުރަނީ އެއީ މެހުމާންދާރީގެ ރީތި ސިފައެއް ކަމަށެވެ.
ކަމަކަށް ޝައްކުވުމަކީ ހައްތަހައި ޝައްކު އިތުރުވާ ކަމެކެވެ. ކުށްހީ ވެސް ކުރެވޭ ކަމެކެވެ. އަހަރެން ރައްޓެއްސަކު ލައްވައި ސަލީމަށް ފާރަލެއްވީމެވެ. ހުކުރު ވަގުތުގެ މާ ކުރިން އެ މީހާ މިސްކިތަށް ގޮސް ގުރުއާން ކިޔަވަން އިނދެއެވެ. އެންމެ ފަހަރަކު ވެސް ސަލީމުއާ ދިމާއަކަށް ނުބަލައެވެ. މަސައްކަތުމީހާ ބުނީ ތެދެކެވެ. މައިކުގެ ސެޓިންތަކާ ސަލީމު ކުޅެއެވެ. މިސްކިތަށް އަންނަ އިރު ސަލީމު އަންނަނީ ކުޑަ ތިން ފެންފުޅި ހިފައިގެންނެވެ. ފުޅިތައް ބަހައްޓާ އިރު އެއް ފުޅި ބަހައްޓަނީ ތަންކޮޅެއް ދުރުގައެވެ. އެއީ އަހަންނަށް ދޭ ފުޅިއެވެ.
ސަލީމު މުދިންކަން ކުރާ މިސްކިތުގައި ހުތުބާ ކިޔުން އަހަރެން ހުއްޓައިލީމެވެ. އެއީ އަހަރެން ވަރަށް ލޯބިވާ މިސްކިތެކެވެ. އެހެނަސް، ސިހުރަކީ ފުލޯކެއް ނޫނެވެ. އަހަރެން އުފުލި ވޭނާއި އުޅުނު ހާލު އެނގޭނީ އަހަންނަށެވެ.
ގޭގައި ހުރި ގޮތް ނޭނގޭ ކުރެހުންގަނޑު، ނައްތައިލަންޖެހޭ އެންމެ ރަނގަޅު ގޮތަށް ނައްތައިލީމެވެ. އޭގެ ސަބަބުން، އަހަރެންގެ ދިރިއުޅުމުގައި ހުރި ހުރިހައި މައްސަލަތަކެއް ކުއްލިއަކަށް ހައްލުވިއެކޭ ނުބުނަމެވެ. ޔަގީނުން ވެސް ސިކުނޑިއަށް ލުއިވިއެވެ. އަންހެނުން ބުނި ގޮތުގައި، އެ ލޯގަނޑު ނައްތައިލި ފަހުން އަހަރެން ގޭގައި އުޅޭ ވަގުތު ގިނަވިއެވެ. އެކަކުއަނެކަކަށް އަޅައިލާ މިންވަރު ބޮޑުވެއްޖެއެވެ.
އަހަރެން މިހާރު ހުންނަނީ އަހަރެންގެ ރައްކާތެރިކަން ހޯދައިގެންނެވެ. ކިޔަންވާ ޒިކުރުތައް ކިޔަވައިގެން ނޫނީ، އެއް ފަހަރު ވެސް ގެއަކުން ނުނިކުންނަމެވެ. ދަތުރަކަށް ވެސް ނުފަށަމެވެ. ތަންތާކަށް ވެސް ނުވަންނަމެވެ. އެއީ ކުރިން ފަރުވާކުޑަކުރެވޭ ކަމެކެވެ. އިރާދަކުރެއްވީތީ އަހަންނަކަށް ދެނެއް ސިހުރުގެ އުނދަގުލެއް ނުފޯރައެވެ.
މިހާރު ވެސް ސަލީމަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެނަސް ގާތް ރައްޓެއްސެއް ނޫނެވެ. އަހަރެން އުޅެނީ އޭނައަކީ އޭނަކަން ދަނެގެންނެވެ. ބަދަލެއް ނުހިފަމެވެ. އޭނަ ކުރި ސުންޕާ ކަންތައް އަހަންނަށް އެނގުނު ކަމަކަށް ވެސް ނަހަދަމެވެ. ނުބައި މީހެއްގެ ނުބައި ސިފަޔާ ހެދި، ރަނގަޅު މީހެއްގެ ރަނގަޅު ސިފަތައް ދޫކޮށްލާކަށް ނުޖެހެއެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. (ނިމުނީ)